ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ދިވެހި ސަރުކާރުން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް (ޓީ-ބިލް) ފެސިލިޓީގެ އެންމެ ފަހު އިންސްޓޯލްމަންޓް ދައްކައި، އެ ދަރަނި އެއްކޮށް ދައްކައި ނިންމާލައިފިއެވެ.
މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، އެންމެ ފަހުން ދެއްކި 50 މިލިއަން ޑޮލަރަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި ޖަމާކުރަމުންދިޔަ ފައިސާއިން ހަމަޖެއްސި ޕޭމަންޓެކެވެ.
މީގެ ކުރިން، 2024 ވަނަ އަހަރުގެ ޖެނުއަރީ އަދި މެއި މަހުވެސް ވަނީ މި ފެސިލިޓީގެ ދަށުން 50 މިލިއަން ޑޮލަރުގެ ދެ ޕޭމަންޓް ދައްކައިފައެވެ.
އެސްބީއައި މެދުވެރިކޮށް ނަގާފައިވާ މި ދަރަނި ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޕޮސިޓް ފައިސާ ބޭނުންކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް މާލީ ވުޒާރާއިން ވަނީ ދޮގުކޮށްފައެވެ. މި ދަރަނި ދައްކައި ނިމުނު ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި، ކާބޯތަކެތި އަދި ބޭސް ފަދަ ޒަރޫރީ މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އެންމެހައި ކަންކަން ފުރިހަމައަށް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެވެ.