2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެއް ބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ސަރުކާރުގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މަތީ މަޖިލިސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި 2028 ވަނަ އަހަރު ވާދަކުރައްވާނީ ރައީސް ޑރ. މުއިއްޒު ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުއިއްޒަށް ދޭން ނިންމި އިރު، އެންމެން ގުޅިގެން ރަނގަޅަށް މަސައްކަތް ކޮށްފިނަމަ އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެން އެންމެން އިއްތިފާގުވެގެން އެތައް ހާސް މެމްބަރުންނަކާ ލީޑަރޝިޕާއި އެތައް ބަޔަކު މިތިބީ މިއަދު އިއްތިފާގުވެގެން މިޕާޓީން 2028 ވަނަ އަހަރު ﷲގެ ރަހުމަތް ފުޅާއިއެކު މިޕާޓީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރާނީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާކަމަށް. އަޅުގަނޑުމެންގެ އިއްތިފާގުން މިކަން ފާސްކުރެވިފައިވާއިރު އަޅުގަނޑުމެން އެންމެން ރަނގަޅަށް މަސައްކަތް ކޮށްފިކަމަށްވަނީނަމަ ﷲގެ ރަހުމަތްފުޅުން އެއް ބުރުން ރައީސް ޑރ. މުއިއްޒު ކާމިޔާބު ކުރައްވާނެ،” ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން މި ވެރިކަމަށް ތިން އަހަރާއި ގާތްވަމުންދާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދެވުމުގައި ސާބިތުކަމާއެކު ހުންނެވިކަން މިއަދު ދިވެހި ހުރިހާ ރައްޔިތުން ގަބޫލުކުރާނެ ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި ގައުމަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއްގެ ތެރޭގައި ޕާޓީގެ އެއްވެސް މެންބަރަކު ބައިވެރިނުވުމަށާއި، އެއްވެސް ރައްޔިތަކަށް ބޭއިންސާފުން ކަމެއް ނުކުރުމަށް ރައީސް އަބަދުވެސް ނަސޭހަތްތެރިވެވަޑައިގަންނަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުއިއްޒަކީ ހަމައެކަނި ވިދާޅުވާ ބަހުން ކަންކަން ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނުގެ އަމަލުތައް ހުރީ 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް ދޭން ލާޒިމުވާ ބީދައިން ކަމަށެވެ. އަދި ޕީއެންސީއަކީ ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިގެން ހިންގާ ޕާޓީއެއް ކަމަށާއި، ޕާޓީގެ ހުރިހާ ގުނަވަނެއްގައިވެސް ތިއްބެވީ ގާބިލު، ހުނަރުވެރި އަދި ގައުމުދެކެ ލޯބިވާ މެންބަރުންކަން އޭނާ ފާހަގަކުރެއްވިއެވެ.