ސަރުކާރުން ތައާރަފުކުރި “ހިޔާވެހި ފައިނޭންސިން ސްކީމް” ގެ ދަށުން މިހާތަނަށް 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރުމަށް އެޕްރޫވްކޮށްފައިވާ ކަމަށާއި، މި ސްކީމަށް އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ އަތޮޅުތަކުގެ ރަށްރަށުން ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ. ބޯހިޔާވަހިކަން ބިނާކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ މި ސްކީމުން ބޭންކުތައް މެދުވެރިކޮށް މިހާތަނަށް ވަނީ 839 ފަރާތަކަށް ޖުމްލަ 1,084,537,557 ރުފިޔާ ދޫކުރުމަށް ނިންމާފައެވެ.
ހައުސިން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަށްރަށުގައި ގެދޮރު އެޅުމަށް ހާއްސަކުރި “ރަށްވެހި ހިޔާވެހި” ކެޓަގަރީއަށް ވަނީ 1,329 އެޕްލިކޭޝަން ހުށަހަޅާފައެވެ. މިއީ މުޅި ސްކީމަށް ހުށަހެޅުނު ފޯމުތަކުގެ އެންމެ ބޮޑު އަދަދެވެ. މީގެއިތުރުން އާބަން ސެންޓަރުތަކަށް ހާއްސަ “ސަހަރު ހިޔާވެހި” އަށް 586 އެޕްލިކޭޝަން އަދި މާލެ ސަރަހައްދަށް އަމާޒުކުރި “ފަހިމާލެ ހިޔާވެހި” އަށް 341 އެޕްލިކޭޝަން ވަނީ ލިބިފައެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުތަކާ އެއްގޮތަށް، އެންމެ 5 ޕަސަންޓުގެ ކުޑަ ފައިދާއެއްގައި ކުރިއަށްގެންދާ ހާއްސަ ސްކީމެކެވެ. ރައްޔިތުންނަށް ދިމާވާ މާލީ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މި ލޯނުތައް އަނބުރާ ދެއްކުމަށް 25 އަހަރުގެ ދިގު މުއްދަތެއް ލިބިގެންދެއެވެ.
މި މަޝްރޫއުގެ ދަށުން ރަށްރަށަށް ހާއްސަ ސްކީމުގައި އެއްވެސް އިކުއިޓީއަކާ ނުލައި 1 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ހަމަޖައްސައިދެއެވެ. އަދި އާބަން ސެންޓަރުތަކަށް 5 އިން 10 ޕަސަންޓާ ދެމެދުގެ އިކުއިޓީއަކާއެކު 3 މިލިއަން ރުފިޔާއާ ހަމައަށް، އަދި މާލެ ސަރަހައްދަށް 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލެއާއި އަތޮޅުތަކުގައި ގެދޮރު އެޅުމަށް ދަތިވެފައިވާ ފަރާތްތަކަށް ހައްލެއް ހޯދައިދިނުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިފްތިތާހު ކުރެވުނު މި ސްކީމަކީ، ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ސަރުކާރުން މިހާތަނަށް ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު އަދި އެންމެ ލުއި ފައިނޭންސިން މަޝްރޫއެވެ.