English Edition
Dhivehi Edition
ފޮޓޯ: ފުލުހުން

“ޔޭޔޭ” ބްރޭންޑުގެ ސީރިއަލް ޕެކެޓުތަކެއްގައި ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ފުރަން އުޅުނު ބަންގްލަދޭޝްގެ ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ އެއާޕޯޓުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.

ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ހުއްޓުވި މި ހަ މީހުންގެ އަތުން 18 ގައުމެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރު، 56,760 ޔޫރޯ، 1,815 ސްޓާލިން ޕައުންޑްގެ އިތުރުން އެހެނިހެން ގައުމުތަކުގެ ފައިސާވެސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އަތުލައިގަތް ފައިސާގެ ޖުމުލަ އަގު 3,861,415.29 ދިވެހި ރުފިޔާއަށް އަރާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގެންގުޅުމާއި، ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތް ކުރާ ބިދޭސީން ހައްޔަރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ސަރުކާރުން މިހާރު ވަނީ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށާއި، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކުން އިޝްތިހާރު ކުރުން މަނާކޮށް، އެފަދަ ކަންކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ.