English Edition
Dhivehi Edition
މާ ބަނޑު އަންހެނެއް

ދަރުމަވަންތަ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުން ވޭތުވެދިޔަ 9 މަސް ދުވަހުގެ ތެރޭގައި ފަރުވާ ހޯދި މީހުންގެ ތެރެއިން 35 މީހެއްގެ އައިވީއެފް ފަރުވާ ކާމިޔާބު ކުރެވިފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުގައި މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ހޮސްޕިޓަލުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހު ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވި ފަހުން، ކާމިޔާބުވި މީހުންގެ ތެރެއިން މިހާތަނަށް ވަނީ ޖުމްލަ 27 ކުދިން އުފަންވެފައެވެ. އަދި އައިވީއެފް ކާމިޔާބުވި މީހުންގެ ތެރެއިން އިތުރު 8 ފަރާތެއްގެ ފަރުވާ މިހާރު ވެސް ދަނީ ކުރިއަށެވެ. މިއީ ރާއްޖޭގައި މިފަދަ ހިދުމަތެއް ދޭން ފެށި ކުރު މުއްދަތެއްގެ ތެރޭގައި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

ދަރިމައިވުމުގެ މައްސަލަތަކަށް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި މި ހިދުމަތް ތައާރަފުކުރުމާ ގުޅިގެން، ކުދިން ހޯދުމަށް އުއްމީދުކުރަމުން އައި އެތައް އާއިލާއަކަށް މިއަދު ވަނީ ދިރިއުޅުމުގައި އާ އުފާވެރިކަމެއް ލިބިގެން ގޮސްފައެވެ.

ދަރިމައިވުމުގެ ދަތިތަކަކީ ރާއްޖޭގައި އިތުރުވަމުން އަންނަ ކަމަކަށްވާއިރު، މީގެ ކުރިން އައިވީއެފް އަދި އައިޔޫއައިގެ ހިދުމަތް ހޯދަން ޖެހެނީ ބޮޑު ހަރަދުކޮށްގެން ރާއްޖެއިން ބޭރުންނެވެ. ރާއްޖޭގައި މި ހިދުމަތް ފުޅާވުމުން އާއިލާތަކުން އުފުލަންޖެހުނު މާލީ އަދި ނަފްސާނީ ބުރައަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. މީގެއިތުރުން ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ދަރިމައިވުމުގެ ފުރުސަތު ހޯދައިދިނުމަށް ފާޓިލިޓީ ޕްރިޒަވޭޝަން ހިދުމަތް ވެސް މިހާރު އެ ސެންޓަރުން ދަނީ ދެމުންނެވެ.

ރާއްޖޭގެ ސިއްހީ ނިޒާމަށް ލިބުނު މި ބޮޑު ކުރިއެރުމާއެކު، ދަރިމައިވުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ހިދުމަތް ހަމައެކަނި ވެރިރަށަށް ހަނިނުކޮށް، އަތޮޅުތަކުގެ ހޮސްޕިޓަލްތަކަށް ވެސް ފުޅާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.