English Edition
Dhivehi Edition

ސަރުކާރުން އަލަށް ތަރައްގީކުރާ ފްލެޓްތަކުގައި އަލިފާނުގެ ހާދިސާތައް ފަދަ އެމަޖެންސީ ނުރައްކާތެރި ހާލަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަގުތުން އެނގޭނެ ހާއްސަ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރިއަށްގެންދަވާ “ރައްޔިތުންގެ އަޑު” ސިލްސިލާގެ ތެރެއިން އާންމު ފަރާތަކުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި އަޑުއިވުމުން މަހުރޫމްވެފައިވާ ދެމަފިރިއަކު ވަނީ އެމީހުން ދިރިއުޅޭ މާހައުލުގައި ދިމާވާ ތަފާތު ގޮންޖެހުންތައް ރައީސްއާ ހިއްސާކޮށްފައެވެ. އެގޮތުން އިމާރާތެއްގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ފަދަ ކުއްލި ކަމެއް ހިނގައިގެން އުޅޭ ވަގުތުތަކުގައި، އަޑުއިވުމުގެ ދަތިކަން ހުންނާތީ އެފަދަ ނުރައްކާތައް ދެނެގަތުމަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާންޖެހޭކަން އެ ފަރާތުން ފާހަގަކުރިއެވެ. މީގެއިތުރުން ސްކޫލް މާހައުލުގައި ޓީޗަރުންނާ މުއާމަލާތު ކުރުމުގައި ހުރި ދަތިތަކުގެ ވާހަކަ ވެސް އެ ދެމަފިރިން ހިއްސާކުރިއެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން އަލަށް ބިނާކުރާ އިމާރާތްތަކާއި ފްލެޓްތަކުގައި އެމަޖެންސީ އެލާމްތަކުގެ މައުލޫމާތު އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހައިން ދެނެގަނެވޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ހަމައެކަނި ދިރިއުޅޭ ފްލެޓްތަކުގައި ނޫން ކަމަށާއި، ސްކޫލްތަކުގައި ވެސް އެފަދަ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލައި، އެކްސެސްބިލިޓީ އިތުރަށް ހަރުދަނާކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ސްކޫލްގައާއި ދިރިއުޅޭ މާހައުލުގައި އެކްސެސްބިލިޓީ ގާއިމުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނަން،” ރައްޔިތުންގެ ކަންބޮޑުވުމަށް އިޖާބަދެއްވަމުން ރައީސް ވިދާޅުވިއެވެ.

“ރައްޔިތުންގެ އަޑު” މިއީ ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައި އެމީހުންގެ ކަންބޮޑުވުންތައް ގާތުން ބައްލަވައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފައްޓަވާފައިވާ ހާއްސަ ޕްރޮގްރާމެކެވެ. ރާއްޖޭގެ އެކި ދާއިރާތަކަށް ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގައި ރައްޔިތުން ހުށަހަޅާ އެކިއެކި މައްސަލަތައް ބައްލަވައި، އެކަންކަމަށް އެކަށީގެންވާ ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވަނީ ޔަގީންކަން ދެއްވާފައެވެ.