English Edition
Dhivehi Edition
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު

ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުން އެދޭ ގޮތަށް އަދި ރަށަށް އެންމެ ފައިދާހުރި ގޮތަކަށް އެކަންކަން ބައްޓަންކުރުންކަމަށް ހައުސިން، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ކުރިޔަށް ގެންދިއުމުގައި ރައްޔިތުންގެ ހިޔާލާއި ބޭނުންތަކަށް ބަލައި، ވެވެން އޮތް ބަދަލުތައް ގެންނާނެ ކަމަށެވެ.

ބަނދަރާއި ތޮށިލުމުގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ބޮޑުހިލަ ހޯދުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ބައެއް މަޝްރޫއުތައް ލަސްވި ނަމަވެސް، އެމްޓީސީސީން އިސްކަންދީގެން ބޮޑުހިލަ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މަޝްރޫއުތައް ނިމޭ މިންވަރަކުން ހުއްޓިފައިވާ އަދި އައު މަޝްރޫއުތައް އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މާލޭގެ ޓްރެފިކާއި ތޮއްޖެހުން ކުޑަކުރުމަށް ގެންނަ ބަދަލުތަކަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި، އެކި ބޭނުންތަކަށް މާލެ އަންނަ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑުއަހައިގެން ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއްވެސް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.