English Edition
Dhivehi Edition
ހައުސިން މިނިސްޓަރު މުއްތަލިބު

ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ނުވިއްކާ ކަމަށާއި، އެ މަޝްރޫއުން ވިއްކާ ތަންތަން ގަންނަ ފަރާތްތަކަށް މިލްކުވާނީ ހަމައެކަނި ޕްރޮޕަޓީ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. އަދި އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއްގެ ގޮތުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރަސްމާލެއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ، އެތަނުން ޕްރޮޕަޓީ ގަންނަ ފަރާތަކުން އެ ތަން ވިއްކާލަން ބޭނުންވި ނަމަވެސް ނުވަތަ މަރުވުމުން ވާރުތަވާން އޮތް ނަމަވެސް، އެކަން ކުރެވޭނީ ސަރުކާރުން ބަލަންޖެހޭ ކަންކަން ބަލައި ފީ ނެގުމަށްފަހު ހުއްދަ ދިނުމުން ކަމަށެވެ. އެހެންކަމުން އެފަދަ ތަންތަން އޮޓޮމެޓިކުން ވާރުތަވާނެ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވެސް އަމަލުކުރަމުންދާ އުސޫލުތައް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް ހުރި ބޭރު ފަރާތްތަކުގެ ރިސޯޓުތަކާއި ވިޔަފާރިތަކަކީ ވެސް ވިއްކައި، ބަދަލުކޮށް އަދި ވާރުތަވާ މުދާ ކަމަށެވެ. އަދި ރަސްމާލެއިން ޕްރޮޕަޓީ ގަތުމަކީ އެ މީހަކަށް ނުވަތަ އެ މީހެއްގެ އާއިލާއަށް އޮޓޮމެޓިކުން ރާއްޖޭގެ ވިސާ ލިބޭނެ ސަބަބެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ވިސާ ދޫކުރުމަކީ އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ އިދާރާއިން ކުރާ ކަމެއް ކަމަށެވެ. އަދި ވިސާ ދިނުމާއި ބާތިލުކުރުމުގެ ފުރިހަމަ ބާރު އަބަދުވެސް އޮންނާނީ އިމިގްރޭޝަނަށް ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

ދިވެހި ދައުލަތް ތަނަވަސްވެ މުއްސަނދިވުމަކީ ގައުމުގެ އިސްތިގުލާލު ވަރުގަދަވެ، ބޭރުގެ ނުފޫޒުތަކުން ސަލާމަތްވުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަށް މިއަދު ބޭނުންވަނީ ކުރު މުއްދަތުގެ ވަގުތީ މަންފާއެއް ނޫން ކަމަށާއި، އަންނަން އޮތް ޖީލުތަކަށް ދެމިގެންދާ ފަދަ ތަރައްގީގެ ބިޔަ މަޝްރޫއުތައް ކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ ވާހަކަފުޅު ނިންމަވާލައްވާފައެވެ.