ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވިއިރު އަތްޕުޅުގައި އޮތް ދަބަހުގައި ހުރީ ޑޮލަރު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ތުހުމަތުތަކަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތޮލިބު ރައްދު ދެއްވައި، އެ ދަބަހުގައި ހުރީ ފުޓުބޯޅަ ކުޅޭ ސާމާނު ކަމަށް ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ތުހުމަތު ކުރެއްވީ ރޭގެ ބައްދަލުވުމަށްފަހު މިނިސްޓަރު މަޖިލީހުން ނިކުމެވަޑައިގެންނެވިއިރު ކޮނޑުގައި އޮތް ބޮޑު ކަޅު ދަބަހުގައި ހުރީ ޔޫއޭއީގެ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރު މަޖިލިސް މެންބަރުންނަށް ބެއްސެވުމަށް ދެއްވި ޑޮލަރު ކަމަށެވެ. އަދި އޭގެން ބައެއް މެންބަރުންނަށް ޑޮލަރު ލިބިވަޑައިގެންނެވި ކަމަށް މީކާއީލް ވިދާޅުވުމާއެކު މަޖިލީހުގެ ޖަލްސާ ވަރަށް ބޮޑަށް ހޫނުވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މީކާއީލްގެ ނަން އިއްވަވައި މަޖިލީހުގެ ތަޅުމުން ބޭރުކުރައްވާފަ އެވެ.
މި ތުހުމަތުތަކާ ގުޅިގެން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތޮލިބު ވިދާޅުވީ، ރޭ އެޓާނީ ޖެނެރަލްއާ އެކު މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލާ ގުޅޭގޮތުން މަޖިލިސް މެންބަރުންތަކެއް ސާފުކުރަން ބޭނުންވި ކަންކަން އޮޅުންފިލުވައިދެއްވުމަށް އެ މެންބަރުންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި އެ ބައްދަލުވުމަށް ދަބަހެއް ހިއްޕަވައިގެން ވަޑައިގެންނެވީ އާރަށުން ފުޓުބޯޅަ ކުޅުއްވައިގެން މާލެ ވަޑައިގެންނެވި ވަގުތާ ބައްދަލުވުން ދިމާވުމުން، ލޯންޗުން ފޭބި ގޮތަށް ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިއްޕަވައިގެން ވަޑައިގަންނަވަން ޖެހުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކާ ސްކޭނަރ އިން ސްކޭންވެސް ކޮށްގެންނެވެ. ބައްދަލުވުމަށްފަހު މަޖިލިސް އިދާރާއިން އަޅުގަނޑު ނިކުތީ އެދަބަސް ކޮޑުގައި އަޅުވައިގެންނެވެ،” މިނިސްޓަރު މުއްތޮލިބު ވިދާޅުވި އެވެ.
މަޖިލީހުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ އިދާރާއެއް ކަމަށާއި، ސީސީޓީވީ ކެމެރާތަކާއި ދަބަސް ސްކޭނަރުގެ އިތުރުން ބޮޑީ ސްކޭނަރު ވެސް އެ ތަނުގައި ބަހައްޓާފައި ހުންނަ ކަމަށެވެ. ދައުލަތުގެ މިނިސްޓަރަކަށް ވިޔަސް މަޖިލީހުގެ އިދާރާއަށް ވަދެވެނީ އައިޑީ ކާޑުގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދުމަށް ފަހުގައިކަން ފާހަގަކުރައްވައި، އެ ރޭގެ ބައްދަލުވުމަށް ވެސް ވަޑައިގެންނެވީ އެ ހުރިހާ ސެކިއުރިޓީ ކަންކަން ފުރިހަމަކުރައްވައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުން މިނިސްޓަރު މުއްތޮލިބު ނިކުމެވަޑައިގެންނެވިއިރު ކޮނޑުގައި ބޮޑު ކަޅު ދަބަހެއް އޮތުމުން ބައެއް ނޫސްވެރިން މަގުމަތިން ދިމާކޮށް ސުވާލުކުރި ނަމަވެސް، އޭރު މިނިސްޓަރު އެ ސުވާލުތަކަށް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.