English Edition
Dhivehi Edition
ރައީސް މުއިއްޒު އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް / ފޮޓޯ: ޕީއެންސީ

ޒިންމާދާރުކަން ކުޑަ ގޮތެއްގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް ކުރާ މަސައްކަތްތަކަށް ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ތެރެއިން ފުރުސަތު ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށި ޕީއެންސީގެ މަތީ މަޖިލިސް ނުވަތަ ކޮންގްރެސް އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސިޔާސީ މައިދާނުގައި ގައުމުގެ ކަންކަން ހިނގަމުންދާ ގޮތް އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އަދި ވަކި އިމެއް ނެތި، ޒިންމާދާރުކަން ކުޑަ ގޮތެއްގައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ މަންޒަރު ފެންނަމުންދާއިރު، އެފަދަ އެއްވެސް ކަމެއް ޕާޓީގެ ބަދަހި ލަޝްކަރުގެ ތެރެއަށް ވެއްދުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.

މީގެއިތުރުން، ޕީއެންސީއަކީ ސިޔާސީ ވަކި ފަރުދެއްގެ މަސްލަހަތަށްވުރެ ބޮޑަށް ގައުމާއި، ގައުމިއްޔަތާއި، ދީނާއި، ސަގާފަތް އިސްކުރާ ޒިންމާދާރު ޕާޓީއެއްކަން ފާހަގަކުރައްވަމުން، މި ކޮންގްރެސްގެ ކަންކަން ވަރަށް އެކުވެރިކަމާއެކު ކުރިއަށްގެންދިއުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގައި 1,000 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. މި ބައްދަލުވުމުގައި ޕާޓީގެ މުހިންމު ނިންމުންތަކެއް ނިންމުމުގެ އިތުރުން، ޕީއެންސީގެ ނައިބު ރައީސުން ހޮވުން ކުރިއަށްދާނެއެވެ.

މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވާ ޕީއެންސީގައި 80,000 އާ ގާތްކުރާ އަދަދަކަށް މެންބަރުން ތިބިކަން ރައީސް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.