English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ބްލެކްމާކެޓުގައި ޑޮލަރު ވިއްކުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ދަނީ ދަށްވަމުންކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރު ހަވާލުވި އިރު ޑޮލަރުގެ ރޭޓު ހުރި މިންވަރަށް 17-18 ރުފިޔާއާ ދެމެދުގެ ބޭންޑަށް މިހާރު ރޭޓް ދަށްކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބޭރުފާއިސާ މާރުކުރުމުގެ ލައިސަންސް އޮންނަ ފަރާތްތަކުންނާއި، އޭގެ ބޭރުން އާޓިފިޝަލީ މެނިޕިއުލޭޓްކޮށްގެން ޑޮލަރުގެ އަގު އުފުލަން މަސައްކަތްކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ބޭރު ފައިސާއާ ގުޅޭ ގާނޫނަށް ގެނައި ބަދަލުތަކާއި ފިޔަވަޅުތަކުގެ ސަބަބުން ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުން މަދުވާން ފަށާފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ނުގަވާއިދުން ހިންގާ 7 ތަނަކުން 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި މާރުކޮށްފައިވާ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ ކުޑަކުޑަ އިގްތިސާދެއްގައި މިގޮތަށް މިކަން އޮވެގެން ނުވާނެކަން ހާމަކުރައްވަމުން ސައީދު ވިދާޅުވީ ބައެއް ބޮޑެތި ކުންފުނިން މުސާރަ ދޭއިރުވެސް ބްލެކް މާކެޓް ރޭޓަށް ރިއާޔަތްކޮށް މުސާރަ ދެމުންދިޔަކަން ހާމަވާކަމަށެވެ. އަދި މިކަން ހައްލުކުރުމަށް ބޭރު ފައިސާގެ އާމްދަނީ ލިބޭ މީހުންނާ ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށާއި އަދި ސަރުކާރުން މިކުރާ މަސައްކަތް ހުއްޓާނުލާނެކަމުގައި ސައީދު ވިދާޅުވިއެވެ،