ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރަ ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފި އެވެ. މި ދުވަސްވަރު މުޅި ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެއް ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.
މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ، މުޅި ރާއްޖެއަށް މިއަދު ނެރުނު ވައިޓް އެލާޓުގެ ވަގުތު މިހާރު ވަނީ ދެވަނަ ފަހަރަށް އިތުރުކޮށް މިރޭ 8:00 އާ ހަމައަށް ދަންމާލައިފަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ހާލަތު ގޯސްވެފައިވަނީ ދެކުނުގެ ރަށްތަކަށެވެ. އެގޮތުން އައްޑޫ ސިޓީގެ ފޭދޫގައި ވަރަށް ބޮޑަށް ފެންބޮޑުވެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ ގެއްލުންތައް ލިބިފައިވާއިރު، ހިތަދޫ، މަރަދޫ އަދި ހުޅުމީދޫގެ އެކި ސަރަހައްދުތަކަށް ވެސް ވަނީ ފެންބޮޑުވުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފަ އެވެ.
ހުޅަނގު މޫސުމުގެ މި ދުވަސްވަރު ދެކުނާއި މެދު ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ބެލެވޭތީ، ކަމާބެހޭ އިދާރާތަކުން ވަނީ ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފަ އެވެ. އަދި މޫސުމީ މައުލޫމާތުތަކަށް ދަތުރުވެރިން އަބަދުވެސް ސަމާލުވުމަށް އެދިފައިވެ އެވެ.
މޫސުން ގޯސްވެ، ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ގެދޮރުގައި ވެލިބަސްތާ ޖެހުމާއި، އަގުބޮޑެތި މުދާތައް ފެނުގެ އަސަރު ނުފޯރާނެ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް ކަމާބެހޭ އިދާރާތަކުން ރައްޔިތުންނަށް އިލްތިމާސްކުރެ އެވެ.