English Edition
Dhivehi Edition
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްއާ ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަޢުވަތަކަށް މިރޭގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ބްރިކްސް ސުމިޓްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ބޮޑުވަޒީރު އަންވަރު ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގެ މައިގަނޑު ރަސްމީ ބައްދަލުވުންތައް އޮންނާނީ މާދަމާއެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ފުރާވަޑައިގަންނަވާނީވެސް މާދަމާގެ ވަގުތެއްގައެވެ.

މެލޭޝިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދެ ގައުމުގެ ލީޑަރުންގެ މެދުގައި ބޭއްވޭ ރަސްމީ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ މެދުގައި އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކުރުމަށެވެ. މިދިޔަ އަހަރު ދެ ގައުމުގެ މެދުގައި 762.78 މިލިއަން ރިންގިޓްގެ ވިޔަފާރި ކުރެވިފައިވާއިރު ޑިޖިޓަލް ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ގާބިލުކަން އިތުރުކުރުމަށްވެސް މަޝްވަރާކުރާނެއެވެ

މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހިން ތައުލީމު ހާސިލުކުރަމުންދާ މެލޭޝިއާއާއެކު ތައުލީމީ އަދި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމާއި ގުޅޭ ގޮތުންވެސް މަޝްވަރާތައް ކުރިއަށް ދާނެއެވެ.

ދެ ގައުމުގެ ލީޑަރުންގެ ހާޒިރުގައި ދިފާއީ ގުޅުމާއި އިސްލާމީ ކަންތައްތަކާ ގުޅޭ މުހިންމު ދެ ފަހުމުނާމާއެއް ގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު 1968 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރެވުނު މެލޭޝިއާއަކީ ދެކުނު އޭޝިއާ ސަރަހައްދުގައި ރާއްޖެއާ އެކު ހަވަނައަށް އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ގައުމެވެ.

މިއީ 2022 ވަނަ އަހަރު ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.