English Edition
Dhivehi Edition
ކަނޑުތައް ގަދަ ދުވަހެއް

މިދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ ކަނޑުތައް ގަދަވެ ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށްފައި ވާތީ، ކަނޑުދަތުރުކުރާ އެންމެހައި ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އެމްއެންޑީއެފުން މިއަދު އިލްތިމާސްކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް އެލާޓް ނެރެފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށް އެދޭ ކަމަށެވެ. އަދި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ނިޒާމާއި، އަދި ދިޔަހިއްކާ ޕަންޕު ފަދަ ވަސީލަތްތައް ހުރީ ބޭނުންކުރެވޭ ހާލަތުގައިތޯ ރަނގަޅަށް ޗެކްކުރުމަށް ވެސް ވަނީ އަންގާފައެވެ.

މުދާ އުފުލާ އުޅަނދުފަހަރުތަކުން މުދާ ބަރުކުރުމުގައި ހުއްދަ އޮންނަ މިންވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށާއި، އުޅަނދުގައި ހުންނަ މުދާތައް ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އެމްއެންޑީއެފުން ހަނދާންކޮށްދިނެވެ. މީގެއިތުރުން ކަނޑުމައްޗަށް ނުކުންނަ ކޮންމެ ފަރާތަކުން ވެސް ލައިފްޖެކެޓް އަޅައިގެން ދަތުރުކުރުމަކީ ރައްކާތެރިކަމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށް ވެސް ފާހަގަކުރިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއާއި ކުޅިވަރު ހަރަކާތްތަކާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ޑައިވިން އަދި ވޯޓާ ސްޕޯޓްސް އިންތިޒާމުކުރާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށެވެ. އަދި މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނުވަތަ އޮރެންޖު އެލާޓް ނެރެފައިވާ ވަގުތުތަކުގައި ކަނޑުދަތުރު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ދުވަސްވަރު މޫސުން ގޯސްވެ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު ބޮޑުކަމަށް ވާތީ، ދަތުރުވެރިން ކޮންމެހެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކަނޑުމަތީގައި އެއްވެސް ކުއްލި ހާދިސާއެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި އެންގުމަށް އެމްއެންޑީއެފުން އެދެއެވެ.