English Edition
Dhivehi Edition
އީސީގެ ޕްރެސް ކޮންފަރެންސްއެއްގެ ތެރެއިން

ސިޔާސީ ޕާޓީތަކުން ހިންގާ ތަފާތު ހަރަކާތްތަކާއި ބައްދަލުވުންތަކުގައި ގާނޫނާ ހިލާފަށް ސާބިތުނުހިފޭ ވާހަކަތައް ދައްކަމުންދާކަން ފާހަގަކުރެވިފައިވާތީ، އެފަދަ ވާހަކަތައް ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އީސީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް އެއްވެސް ޕާޓީއަކަށް ނުވަތަ ޕާޓީއެއްގެ މެންބަރަކަށް ފާޑުކިޔުމަކީ، ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގަކަށް ވީނަމަވެސް، ސިޔާސީ ހަރަކާތްތައް ހިންގަންވާނީ ޒިންމާދާރުކަމާއެކު ކަމަށް އީސީން ފާހަގަކުރިއެވެ.

އީސީން މިފަދަ އެންގުމެއް އަންގައިފާވަނީ، 2024 ވަނަ އަހަރުގެ ޑިސެންބަރު 12 ގައި ތިން މިނިސްޓްރީއެއް ހިންގި އިމާރާތުގައި ރޯވި ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެއްވި ތުހުމަތުތަކެއްގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ޔާމީންގެ ޕީއެންއެފް ޖަލްސާއެއްގައި އެ މަނިކުފާނު ވަނީ އެ އިމާރާތުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި، އެކަން ކުރި މީހާގެ މައުލޫމާތާއި ހެކި ފުލުހުންގެ އަތުގައި ހުރި ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި އެދިވަޑައިގެންފައެވެ. ނަމަވެސް، އެ ތުހުމަތުތަކުގެ މައުލޫމާތު ސާފުކުރުމަށް ފުލުހުން ޔާމީންގެ އަރިހަށް ދިއުމުން، އެ ހާދިސާގެ މައުލޫމާތު އެނގިވަޑައިނުގަންނަވާކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.