ދުނިޔޭގެ ގިނަ ގައުމުތަކާއި ޚިލާފަށް ރާއްޖޭގެ ހެދިފައިވާ ގާނޫނާއި ގަވާއިދުތައް ބިނާވެފައި ހުންނަނީ އެއްވެސް މީހަކު ރިޓަޔާ ވުމަށްފަހު ސަރުކާރު މެދުވެރިވެގެން މަދަނީ ޚިދުމަތެއް ދޭންފަށައިފި ނަމަ އެހިސާބުން އެއީ ދެވަނަ ފަހަރަށް އޭނާ ސިވިލްސާވިސާ ގުޅުނީކަމަށް ކަނޑައަޅައި ރިޓަޔާމެންޓު ވަގުތުން ހުއްޓޭގޮތަކަށެވެ. މިގޮތަށް މިއުސޫލު އޮންނާތީވެ ވަރަށް ގިނަ ޕްރޮފެޝަނަލް ޚިދުމަތްތެރީން އެމީހުންގެ ބުރަ މަސައްކަތުން ހޯދި ރިޓަޔާމެންޓުގެ އިމްތިޔާޒުތައް ގެއްލޭގޮތަކަށް ދެވަނަ ފަހަރު ޚިދުމަތާ ގުޅެން ބޭނުމެއްނުވެއެވެ. ނުވަތަ ދުވަހު މުސާރައަށް ނުވަތަ ގަޑީގެ އަދަދަށް މުސާރައަށް ދެވަނަ ފަހަރަށް ޚިދުމަތާ ގުޅެން ބޭނުމެއްނުވެއެވެ. އެއީ ސަރުކާރުގެ ގަޑި މުސާރައާއި ދުވަހު މުސާރަ ކަނޑައެފައިވަނީ ލޭބަރު ފަންތީގެ މީހުންނަށް އަމާޒުކޮށްގެންކަމަށްވާތީ ޕްރޮފެޝަނަލް ޚިދުމަތްތަކަށް އެ މުސާރަ ނުފުދޭތީއެވެ.
މިއުސޫލުތައް މިގޮތަށް ހުރުމުން ވަރަށް ގިނަ ޕްރޮފެޝަނަލް ދާއިރާތަކަށް، މިސާލަކަށް ސިއްޙީ ޚިދުމަތް، ތަޢުލީމީ ޚިދުމަތް، އަދި ވެސް ކިތަންމެ ޚިދުމަތެއް ދިނުމުގައި ޕްރޮފެޝަނަލް މީހުން މަދުވުމުގެ ސަބަބުން އެންމެ އެދެވޭގޮތުގައި ރައްޔިތުންނަށް އެ ޚިދުމަތެއް ފޯރުކޮށް ނުދެވެއެވެ. ނުވަތަ ފޯރުކޮށްދިނުމަށް ދަތިވެއެވެ. އަދި ޕްރޮފެޝަނަލް ދާއިރާތަކުން ތަޖުރިބާ ލިބިގެން މުސްކުޅިވާ ތަޖުރިބާކާރުންގެ ޢިލްމާއި ތަޖުރިބާއި ހުނަރުތަކުން އަންނަން އޮންނަ ޖީލަށް ބޭނުންވާ ފައިދާނުނެގެއެވެ.
ކަންމިހެން އޮންނާތީވެ ދުނިޔޭގެ ހުރިހާ ގައުމެއްހެން އޮންނަނީ ރިޓަޔާމެންޓަށް ބުރު ނާރާގޮތަށް ޕްރޮފެޝަނަލް ޚިދުމަތުގެ ފުރުސަތު ދެވަނަ ފަހަރަށް ދެވޭގޮތަށް ގާނޫނުތައް ބަށްޓަންކޮށްފައެވެ. ސަބަބަކީ ހުރިހާ ގަމެއްގެ ވެސް މާލީ ނިޒާމު އޮންނަނީ ސިވިލްސާވިސްއެއްގެ ވަޒީފާއެއް ނަމަ ރިޓަޔާމެންޓާއި މުސާރައާއި އެއްވަގުގެއްގައި ނުނުގޭގޮތަށެވެ. އެގޮަތަށް އޮތުމުން ދައުލަތަށް ބެނުންވާ ޕުރޮފިޝަނަލް ދާއިރާތަކަށް މީހުން ލިބުމުގައި ދަތިތަކެއް ހުރުމުން އެކަން ހައްލުކުރުމަށް ޓަކައި ހުރިހާ ގައުމެއްހެން އޮންނަނީ އިތުރު ގާނޫނަކުން ރިޓަޔާމެންޓަށް ބުރު ނާރާ ޕްރޮފެޝަނަލް ޚިދުމަތް ދިނުމުގެ ފުރުސަތު ލިބޭގޮތަށް ހަމަޖައްސާފައެވެ. އެގޮތުން ބައެއް ގައުމުތަކުގައި ރިޓަޔާމެންޓަށް ބުރުނާރާ ޕްރޮފެޝަނަލް ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލެފައިވާ ގޮތް ކުރުކޮށް ދަންނަވާލާނަމެވެ.
އެކެއް: އެމެރިކާ: އެމެރިކާ ސަރުކާރަށް ރިޓަޔަރ ކުރާ މީހެއްގެ ހިދުމަތަށް ދެވަނަ ފަހަރު ބޭނުންވެއްޖެ މިސާލަކަށް (އަސްކަރީ ބެނުމަކަށް، ސިއްޙީ ބޭނުމަކަށް، ނުވަތަ ޤައުމީ ސަލާމަތުގެ މަޝްރޫޢު ފަދަ ބޭނުމެއް ނުވަތަ އެހެން މުހިންމު ޚިދުމަތެއް ނަމަ) ފެޑެރަލް ޕާސަނަލް މެނޭޖްމަންޓް އެޖެންސީ (އޯޕީއެމް) އިން ވަޒީފާދޭ ފަރާތަށް “ޑަބަލް ކޮމްޕެންސޭޝަން އިސްތިސްނާ” ދިނުމެވެ. އެއީ އެގޮތަށް އެކުލަވާފައި އޮންނަ ގާނޫނެއްގެ ދަށުންނެވެ. މި އިސްތިސްނާގެ ދަށުން ރިޓަޔަރ ކުރާ ފަރާތުން އެއްވެސް އުނިކަމެއް ނެތި އެމީހުންގެ ފުލް ޕެންޝަނާއި އާ ފުލް މުސާރަ އެއްކޮށްލައެވެ. (USCIS)
އަދި ގާނޫނީ އިތުރު ނިޒާމެއް ވެސް އޮވެއެވެ. އެއީ Locum Tenens ކިޔާ ނިޒާމެއްގެ ދަށުންނެވެ. އެއީ ލެޓިން އަކުރެކެވެ. މާނައަކީ (ވަގުތީ ބަދަލެއް) އެވެ. އެނިޒާމުގެ ދަށުން މެޑިކަލް ދާއިރާގެ މީހުންނަށް ޚާއްސަގޮތެއްގައި ޚިދުމަތާ ގުޅުމުގެ ފުރުސަތު އޮވެއެވެ. އެނިޒާމުގެ ދަށުން ވަގުތީ މުއްދަތަކަށް (ހަފްތާ ނުވަތަ މަސްސަރުތަކަށް) ވަޒީފާއާ ގުޅުމުގެ ފުރުސަތުއޮވެއެވެ. އޭނާގެ ރިޓަޔަރމަންޓަށް އެއްވެސް އަސަރެއް ނުކުރެއެވެ. އަދި އޭނަގެ ވަގުތު ހެޔޮގޮތުގައި ހޭދަކޮށްގެން ބޮޑު އުޖޫރައެއް ހޮދާގަނެވެއެވެ. އޭނާއަށް އެމިނިވަންކަން ލިބެނީ އޭނާ ދެވަނަ ފަހަރަށް ޚިދުމަތާ ގުޅުނުކަމުގައި ވިޔަސް އޭނާގެ ނަން ރޫޓިން ސޯޝަލް ސެކިއުރިޓީ ނިޒާމުގައި ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ނުވާތީ އެވެ. (Locum Tenens)
ދޭއް: އިނގިރޭސިވިލާތް: އިނގިރޭސިވިލާތުގެ ޑޮކްޓަރަކު ރިޓަޔަރ ވެއްޖެ ނަމަ، ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ޕެންޝަން ސްކީމްގެ އިނާޔަތްތައް ލިބެންފަށާނެއެވެ. އޭނައަށް އެ އިނާޔަތްތަކާއެކު
މަސައްކަތަށް އެނބުރި ދިއުމުގެ ފުރުސަތު އޮވެއެވެ. ޝަރުޠަކީ ސައުވީސް ގަޑިއިރުގެ މުއްދަތެއް އަލަށް ފެށި ވަޒީފާއާއި ޕެންޝަނާ ދެމެދު ފާއިތުވެފައިވުމެވެ. އެއީ ގާނޫނަށް ޕެންޝަން ނެގިކަން ސާބިތުކޮށް ދިނުމަށެވެ. އެއްވެސް އުނިކުރުމެއް ނުވަތަ ކުޑަކުރުމެއް ނެތި އޭނާގެ އާ މުސާރަ ފުރިހަމައަށް ޕެންޝަނާ އެއްކޮށްލުމުގެ ހައްގު އޭނައަށް ލިބިގެންވެއެވެ. އެގޮތަށް އެ މާއްދާގައި ހައްގު އޭނައަށް ލިބިގެންވެއޭ ލިޔެފައި އޮންނަނީ ގާނޫނުގައި އޭނައަށް އިތުރު އިޚުތިޔާރުތައް ދީފައިވާތީ މިސާލަކަށް ރިޓަޔާމެންޓުން ކޮންމެވެސް ޕަސެންޓެއް ކެނޑޭގޮތަށް ކުރީގެ ވަޒީފާއިގައި ދެމިހުރުމާއި ރިޓަޔާމެންޓު އެއްކޮށް ނަގާގެން އަލުން ގުޅޭ ވަޒީފާ ކޮންޓްރެކްޓު އުސޫލުން ބޭނުންކުރުމުގެ އިޚްތިޔާރު ދެވިފައިވަތީއެވެ. (MHS England)
ތިނެއް: ޖަރުމަން: ޖަރުމަނުގައި އޮންނަނީ “ވަގުތީ އަދި ފަސޭހަ ވަޒީފާއާ ބެހޭ ގާނޫނުތައް” ގެ ނަމުން ގާނޫނެއް ހަދާ އޭގެ ދަށުން ރިޓަޔާވާ މީހުން ލައްވާ ސަރުކާރުގެ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކުރެވޭގޮތް ހަދާފައެވެ. އެގާނޫނުގެ ދަށުން އޭނާ ދެވަނަ ފަހަރަށް ޚިދުމަތާ ގުޅުނުކަމުގައި ވިޔަސް އޭނާގެ ނަން ސިވިލްސާވިސް މުވައްޒަފެއްގެ ގޮތުގައި ރަޖިސްޓްރީވެގެން ނުދެއެވެ. އަދި އަލަށް ގުޅުނު ވަޒީފާއިން ލިބޭ އެއްޗެއްގެ ސަބަބަބުން ރިޓަޔާމެންޓުން ލިބޭ އެއްޗެއް އުނިވެގެން ނުދެއެވެ. zeitarbeit-international.de) (
ހަތަރެއް: ޗައިނާ: ދައުލަތުގެ ހޮސްޕިޓަލްތަކާއި ޔުނިވާސިޓީތަކުގައި ހުނަރުވެރި މަސައްކަތްތެރިންގެ ދަތިކަން ހައްލުކުރުމަށް “ސިލްވަރ ހެއާޑް ޕްރޮފެޝަނަލްސް” ގެ ނަމުން މަޝްހޫރު އިންސެންޓިވް ޕޮލިސީއެއް ތަންފީޒު ކޮށްފައިވެއެވެ. އޭގެ ދަށުން އަސާސީ ޕެންޝަން ލިބޭ މީހުން، ދެން ސަރުކާރުން އާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން އަލުން ވަޒީފާއަށް ނަގައިފި ނަމަ، ފުރިހަމަ ޕެންޝަނާއި، އާ ވަޒީފާއިން ފުރިހަމަ މުސާރަ ލިބެއެވެ. (ADVANT Beiten)
ފަހެއް: މެލޭޝިޔާ: މެލޭޝިއާގައި އޮންނަނީ “ކޮންޓްރެކްޓް ސަރވިސް” ކިޔާ ނިޒާމެކެވެ. އެ ނިޒާމު ބިނާވެފައިވަނީ ސަރުކާރުގެ މުހިންމު ޕްރޮފެޝަންތަކުގައި ރިޓަޔަރ ކުރާ މީހުންނާ މުއާމަލާތް ކުރުމަށެވެ. އެ ނިޒާމުގެ ދަށުން ރިޓަޔަރ ކުރާ މީހާގެ ފުރިހަމަ ޕެންޝަން އެއްވެސް އުނިކުރުމެއް ނެތި ލިބެއެވެ. އަދި އިތުރަށް ކުރާ މަސައްކަތަަށް ފުރިހަމަ މުސާރަލިބެއެވެ. އިތުރު ގަޑި ވެސް ލިބެއެވެ. ބޯނަސް ވެސް ލިބެއެވެ.
އާދެ! ޕްރޮފެޝަނަލް ޚިދުމަތުގެ ފުރުސަތު ދެވަނަ ފަހަރަށް ދެވޭގޮތަށް ގާނޫނުތައް ބަށްޓަންކުރުމުގައި ތަހުޒީބު ނުވާ ބައެއް ގައުމުތަކުން އަމަލުކޮށްފައި ހުންނަނީ ތަހުޒީބީ މިންގަޑަށް ނުފެތޭގޮތައްކަން ވެސް ފާހަގަ ކޮށްލަންޖެހެއެވެ. ނަމަވެސް އެއީ ވަރަށް މަދު ގައުމެކެވެ. އަވަށްޓެރި ގައުމެއްގެ ގާނޫނުގައި އޮންނަނީ އޭނާ ދެވަނަ ފަހަރަށް ޚިދުމަތާ ގުޅިއްޖެ ނަމަ އޭނާއަށް މުސާރަ ދެވޭނީ ޕެންޝަނާއި އަލަށް ގުޅުނު ވަޒީފާއާއި އެއްކޮށްގެން އޭނާގެ އެންމެ ފަހުން އަދާކުރި ވަޒިފާގެ މައިގަނޑު މުސާރާއާއި އެއްވަރުގެ އަދަދެއްކަމަށެވެ. މިސާލަކަށް އޭނާ ގުޅުނު ވަޒީފާގެ މުސާރައަކީ 100000 އެއްލައްކައެވެ. އޭނާގެ ޕެންޝަނަކީ 50000 ފަންސާސްހާހެވެ. އޭނާ އެންމެ ފަހުން އަދާކުރި ވަޒީފާގެ ބޭސިކު މުސާރައަކީ 120000 އެއްލައްކަ ވިހި ހާހެވެ. އެހެންވެއްޖެއްޔާ އޭނައަށް ލިބޭނީ ޕެންޝަނާއި އަލަށް ގުޅުނު ވަޒީފާއާއެކު އެއްލައްކަ ވިހިހާހެވެ. (ޕެންޝަން 50000 + މުސާރަ 70000 ޖުމުލަ120000 އެއްލައްކަ ވިހިހާސް) އެވެ.
އޭނާ ދެކޭގޮތުގައި އޭނާ އަލަށް ގުޅުނު ވަޒީފާއިން ލިބޭ ޖުމުލަ މުސާރަ އޭނާއަށް ލިބެންޖެހޭނެއެވެ. ސަބަބަކީ އެއީ އޭނާކުރާ ބުރަ މަސައްކަތަކުން ލިބޭ އެއްޗަކަށް ވާތީއެވެ. އަދި އޭނާގެ ރިޓަޔާމެންޓަކީ އޭނާކޮށް ނިންމާފައިވާ ޚިދުމަތަކަށް ދެވޭ އެއްޗެކެވެ. އެހެންކަމުން އެއިން އެއްޗެއް އުނިވާން ޖެހޭނެކަމަށް އޭނާ ނުދެކެއެވެ. އެކަން އެގޮތަށް އޮންނާތީވެ ރިޓަޔާވާ ގިނަ މީހުން އެގައުތަކުގައި ދެވަނަ ފުރުސަތަކަށް ނޭދެއެވެ. އެކަމުގެ ސަބަބުން އެ ގައުމުތަކުގެ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ރަނގަޅަށް ފޯރުކޮށް ނުދެވި ކިއު ދިގުވެ، މީހުން ރުޅިގަދަވެ، އަބަދުވެސް ގައުމު އޮންނަނީ ހަލަބޮލިވެފައެވެ. އާދެ! ދަންނަވަން ބޭނުންވަނީ ރާއްޖެއަކީ ވެސް އަވަށްޓެރި ގައުމުތަކާ ގުޅުން އޮންނަ ގައުމަކަށް ވެފައި، މަދުން ނަމަވެސް ރައްޖޭގެ އެވަގުތު އޮންނަ ސަރުކާރަކަށް އެ ގައުމުތަކުން އެތިއެތިކޮޅު ވެސް ދިގުކުރާތީވެ، އެމީހުން ބޭނުންވާނީ ރާއްޖެގައި ހެދޭ ގާނޫނާއި ގަވައިދުތައް ވެސް އެމީހުންނަކޭ އެއްފަދައިން އޮންނާށެވެ. އެފަދަ ގައުމުތަކަށް ބަލައިގެން ކުރިޔަށް ދިއުމަށްވުރެ ރާއްޖެ ފަދަ ކުރިއެރުމަށް ބޭނުންވާ ގައުމަކަށް މުހިންމުވާނީ ކަމެއްކުރާއިރު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ބަލައިގެން ކުރިޔަށް ދިޔުމަށެވެ.
މިސާލެއްގެ ގޮތުން ދަންނަވާލާނަމެވެ. ސިއްހީ އަސާސީ ޚިދުމަތެއް ހޯދަން ވެއްޖެއްޔާ ސަރުކާރުގެ ތަނަކުން ނަމަ ކިއުނަންބަރު ލިބޭނީ އެއް މަސް ނުވަތަ ދެ މަސް ނުވަތަ ހަ މަސް ފަހުންނެވެ. ކޯޓަށް މައްސަލައެއް ހުށަހަޅާފިއްޔާ ފަނޑިޔާރުން ނެތިގެން އެ މައްސަލައެއް ނިމޭނީ އެއް އަހަރު ނުވަތަ ދެ އަހަރު ނުވަތަ ތިން އަހަރު ފަހުންނެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި ކިޔަވައިދޭނެ މުދައްރިސެއް ނުލިބިގެން އަހަރު ނިމޭނީ މުދައްރިސުގެ ބަދަލުގައި އިދާރީ މީހަކު އައިސް އެގަޑީގައި ކުދީން ކޮންޓުރޯލު ކޮށްލަކޮށްލާތިބެއެވެ. އޮފީހަކަށް ޚިދުމަތެއް ހޯދަން ގޮސްފިއްޔާ އެ މުއައްޒަފު ޗުއްޓީގައި ހުންނާތީ އެ ޚިދުމަތް އޮންނަނީ ވަގުތީ ގޮތުން މެދުކެނޑިފައެވެ. ރައްޔަތު މީހާއަށް ޚިދުމަތުގެ ބަދަލުގައި ދޭނީ އެ މުއައްޒަފަކު އެނބުރި އޮފީހަށް ނުކުންނާނެ ތާރީޚެވެ. އެ ތާރީޚަށް އަންނައިރު ބުނާނީ ކޮންމެސް ކަމެއް ދިމާވެގެން އޭނާ މުވައްޒިފުންނަށް ދިމަވާ ބޮޑެތިކަންތަކުގެ ދިހަ ދުވަސް އިތުރުކޮށްފި ކަމަށެވެ. އެ ދިހަ ދުވަސް ނިމުމުން އައުމުން ބުނާނީ އޭނާ މިއަދު ހުރީ ސަލާމުގައެވެ. ޚިދުމަތެއް ލިބޭ ދުވަހެއް ނާންނާނެއެވެ. ލިބޭނީ ތާރީޚަށް ފަހު ތާރީޚެކެވެ. މިކަންތައް މިގޮތަށް ދިމާވަނީ ދިވެހި ސަރުކާރުން ވަޒީފާތަކުން ރިޓަޔާވާ މީހުންގެ ބޭނުން ހެޔޮގޮތުގައި ނުހިފާތީއެވެ. ވީމާ ތަރައްޤީވެފައިވާ ގައުމުތަކުގައި އޮންނަ އުސޫލުން ރިޓަޔާވާ މީހުންގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ ވަރަށް ވެސް މުހިންމު ކަމަކެވެ. އެކަމުގެ ސަބަބުން ރައްޔަތުންނަށް ސިއްހީ ދުޅަހެޔޮކަމާއި، ތައުލީމީ ކުރިއެރުމާއި، އިޖުތިމާއީ ހަމަޖެހުމާއި، ލުއިފަސޭހަ ދިރިއުޅުމަކަށް މަގުފަހިވެގެން ދާނެކަންކަށަވަރެވެ.
އާދެ! ދިގުކުރާނެ ކަމެއްނެތެވެ. ތަރައްޤީވެފައިވާ އަދި ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުން ޕެންޝަނާއި އާ މުސާރައާ އެއްކޮށްލުމުގެ ހުއްދަ ދެވިފައިވެއެވެ. އެއީ ރައްޔަތުންނަށް ރަނގަޅަށް ޚިދުމަތްކުރުމުގެ ބޭނުމުގައެވެ. އެގޮތުން ރިޓަޔަރ ކުރާ މީހާ ވަގުތީ ނުވަތަ ކޮންސަލްޓެންސީ ކޮންޓްރެކްޓްތަކެއްގެ ދަށުން، ނުވަތަ ރިޓަޔަރ ކުރި ދާއިރާއާއި ނުވަތަ ތަފާތު ދާއިރާއެއްގައި މަސައްކަތް ކުރަން ފުރުސަތު އޮންނަނީ ހުޅުވާލެވިފައެވެ. ދިވެހި ރާއްޖެނޫނީ އެދޮރު ބަންދުކޮށްގެން އުޅޭ ދެވަނަ އެހެން ގައުމެއް ނުވެއެވެ.