English Edition
Dhivehi Edition
މޫސުން ގޯސް ދުވަހެއް

ޕެސިފިކް ކަނޑުގައި އުފެދިފައިވާ “އެލް ނީނޯ” ގެ ބާރު އިތުރަށް ގަދަވަމުންދާތީ، އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ވެސް ވަރަށް ބޮޑަށް ކޮށްފާނެތީ ހުރިހާ ދާއިރާތަކަކުން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ. އެ އިދާރާއިން މިކަމަށް ގޮވާލީ، މޫސުމީ މި ބަދަލާއެކު ރާއްޖެއަށް ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލައި ތައްޔާރުވެ ތިބުމުގެ މުހިންމުކަން ހާމަކޮށް މިއަދު ނެރުނު ބަޔާނެއްގައެވެ.

އެންޑީއެމްއޭ އިން ބުނީ، މޫސުމަށް އަންނަ މި ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ހުރިހާ ދާއިރާއަކުންވެސް ދުރާލައި ފިޔަވަޅުތައް އެޅުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ މުދަލާއި ހިދުމަތްތައް ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ބެލެހެއްޓުމަށް އެ އިދާރާއިން ވަނީ ހާއްސަ އިލްތިމާސެއް ކޮށްފައެވެ.

މީގެ އިތުރުން، ރަސްމީ އިދާރާތަކުން ނެރޭ މޫސުމީ ލަފާކުރުންތަކާއި އިންޒާރުތަކަށް އަބަދުވެސް ސަމާލުވެ، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އެޅުމަށް އެންޑީއެމްއޭ އިން ވަނީ އަންގާފައެވެ. މޫސުމާ ބެހޭ އިދާރާއިންވެސް ވަނީ އެލް ނީނޯގެ ބާރު ގަދަވެ ރާއްޖެ ހިމެނޭ ސަރަހައްދުގެ ހޫނުމިން އިތުރަށް މައްޗަށް ދާނެ ކަމަށް ލަފާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އެދިފައެވެ.

މިފަދަ ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން، އދ. ގެ ޑިޒާސްޓާ ރިސްކް ރިޑަކްޝަނާ ބެހޭ އިދާރާ (ޔޫއެންޑީއާރްއާރް) އިން ވަނީ މުހިންމު އިރުޝާދުތަކެއް އެކުލަވާލާފައެވެ. އެ އިދާރާއިން ވަނީ ބޮޑެތި ކުންފުނިތަކާއި އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމަލީ ގޮތުން ތަންފީޒުކުރެވިދާނެ މުހިންމު އުސޫލުތަކަކާއި މަގުދެއްކުންތަކެއް ހިއްސާކޮށްފައެވެ.

އެލް ނީނޯގެ ސަބަބުން ކުރިމަތިވެދާނެ ގަދަ ހޫނާއި، ވާރޭވެހުމުގެ ނިޒާމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށްޓަކައި ހުރިހާ މުއައްސަސާތަކަކާއި އާންމު ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ މި ދަނޑިވަޅުގައި ކޮންމެހެން މުހިންމު ކަމެއް ކަމަށް އެންޑީއެމްއޭ އިން ވަނީ ފާހަގަކޮށްފައެވެ.