މާލޭގެ ގ. ޕެލިކަން ގޭގައި މަސްތުވާތަކެތި ބޭނުންކުރުމަށާއި އޭގެ ވިޔަފާރި ކުރުމަށް ފުރުސަތުދީ އެކަމަށް ހުއްދަދިންކަން ސާބިތުވެ، އެ ގޭގެ ވެރިފަރާތް ކަމަށްވާ އިބްރާހީމް ނާއިމް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަން ހުއްދަ ދިން މީހަކު ޖަލަށް ލުމަށް ރާއްޖޭގައި ކުރި ފުރަތަމަ ހުކުމެވެ.
ކްރިމިނަލް ކޯޓުގެ ގާޟީ މުހައްމަދު މިސްބާހް އިއްވެވި މި ހުކުމުގައިވަނީ މި އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހުގެ ރޭ ފުލުހުން ގ. ޕެލިކަން ގެ ބަލައި ފާސްކުރިއިރު، ގްރައުންޑް ފްލޯއިން ކެނެބިސް އަޅާފައިވާ ގިނަ އަދަދެއްގެ ސެލޯފިންކޮޅުތަކާއި ރަބަރު ޕެކެޓުތަކެއް ވަނީ ފެނިފައިވާ ކަމަށެވެ. އަދި ފާޚާނާ ތަށި ތެރެއިން 16.7 ގްރާމްގެ ކެނެބިސް އަދި އަށިމަތިން 9.6 ގްރާމްގެ ކެނެބިސް ފެނިފައިވެއެވެ. މިއީ ކުދިކޮށް ބައިބަޔަށް އަޅައި ވިއްކުމަށް ތައްޔާރުކޮށްފައިވާ ތަކެތިކަން ތަހުލީލު ރިޕޯޓުތަކުން އެނގެއެވެ.
2020 ވަނަ އަހަރުން ފެށިގެން އެ ގޭގައި މަސްތުވާތަކެތީގެ ކުށްތައް ހިންގަމުންދާތީ ފުލުހުން އެކި ފަހަރުމަތިން ނާއިމްއަށް ނޯޓިސް ދީފައިވީ ނަމަވެސް، އެކަން ހުއްޓުވުމަށް އޭނާ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އަދި އެ އެޕާޓްމަންޓުގައި ދިރިއުޅެން ބޭނުންކުރާ ސާމާނެއް ނެތި، ހަމައެކަނި ގޮނޑިއާއި މޭޒު ހުރުމުން އެތަން ބޭނުންކުރީ މަސްތުވާތަކެތީގެ ކަންކަމަށްކަން ސާބިތުވެއެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ނާއިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅިއިރު، އޭނާ ވަނީ މިއީ ނުހައްގުން ދިން އަދަބެއް ކަމަށް ކޯޓުގައި ބުނެފައެވެ.