ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމަށްފަހު އެއްވެސް ވަރަކަށް ތަރައްގީނުކޮށް އަށް އަހަރުވެ، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 10 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ފައިސާ އަރައިފައިވާ ތަންތަނުގެ އެއްބަސްވުން އިތުރު ފުރުސަތެއް ނުދީ ބާތިލުކުރެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އާ ގަވާއިދެއް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކުރި މި ގަވާއިދުގެ ދަށުން މުއްދަތު ހަމަވީތާ 8 އަހަރުވެ، މަސައްކަތުގެ 15 އިންސައްތަވެސް ނުނިމޭ ތަންތަނާއި، ކޮންސްޓްރަކްޝަން މުއްދަތު 60 މަހަށް ވުރެ ދިގުދެންމި ތަންތަނުގެ އެއްބަސްވުން ވަގުތުން ބާތިލުކުރެވޭނެއެވެ. އެހެންނަމަވެސް ގްރޭސް ޕީރިއަޑް ހަމަވެ، މުއްދަތު އިތުރުކޮށްފައިނުވާ އަދި 8 އަހަރު ނުވާ ތަންތަނަށް މަސައްކަތް ނިންމަން އިތުރު އެއް ފުރުސަތު ދެވޭނެކަމަށް މި ގަވާއިދުގައިވެއެވެ.
މި ގަވާއިދުގައިވާ ގޮތުން އެއްބަސްވުން ބާތިލުކުރި ކަމުގައިވިޔަސް، ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކަންޖެހޭނެއެވެ.
ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމަށް ދޫކޮށް ނުނިމި 168 ތަން އެބައޮތެވެ. އަދި ނުލިބި ހުރި ކުއްޔާއި ޖޫރިމަނާގެ އަދަދު 537 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.