އެއްގަމު ދަތުރުފަތުރުގެ އާ ގާނޫނުގައި މާލެއަށް ވަކި އިންތިޒާމުތަކެއް ހިމަނައި ވަކި އޮފީހެއް ގާއިމްކުރަން ކަނޑައެޅީ، މާލެއަށް ކުރިމަތިވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އެހެން ގޮތަކަށް ހައްލުނުވާނެތީ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށެވެ. މަގުތައް ޒަމާނީ ކުރެވިގެންދާއިރު ޓްރެފިކްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރެއް ކަމަށާއި، މުޅި މާލެއަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް އޭރިއާއަކަށް ހެދީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީއާ ގާނޫނާއެކު މުޅި މާލެއަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނެއްގެ ގޮތުގައި ކަނޑައެޅުމުން ވެހިކަލް ރެޖިސްޓްރީ ކުރެވޭނީ ވަކި މިންގަނޑުތަކެއްގެ ތެރެއިން އިންތިޒާމުވެގެން ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރާ ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުމަށްޓަކައި މި އާ ގާނޫނުގެ ދަށުން ވަކި އޮފީހެއް ގާއިމްކުރެވޭނެކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެކަކުގެ ނަމުގައި އެކަކަށްވުރެ ގިނަ ވެހިކަލް ރެޖިސްޓްރީކުރާނަމަ އިތުރު ފީއެއް ނެގުމަށް ގާނޫނުގައިވަނީ ހިމަނައިފައެވެ.
މާލެ ނޫން އެހެން ސަރަހައްދެއްވެސް ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ހަދަން ސިޓީ ކައުންސިލަކުން އެދިއްޖެނަމަ، ސަރުކާރަށް ހުށަހެޅުމުން އެކަން ކުރުމުގެ އިންތިޒާމް އޮންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، މި ގާނޫނު އެކުލަވާލާފައިވަނީ އާންމުންނާއި، ވިޔަފާރިވެރިން އަދި ދައުލަތުގެ ގިނަ މުއައްސަސާތަކަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހުގައެވެ. މި ބަދަލުތަކުގެ މައިގަނޑު މަގުސަދަކީ މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.