English Edition
Dhivehi Edition
ޔޮޓް މެރީނާ

ހއ. އުލިގަމުގައި ތަރައްގީކުރާ ޔޮޓް މެރީނާ މަތީ ފެންވަރެއްގައި ހިންގާނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 21 ވަނަ ދުވަހެވެ.

މި މެރީނާ ތަރައްގީކުރުމުގެ އަސާސީ އިންފްރާސްޓްރަކްޗާ މަސައްކަތްތައް ސަސް އީ ކޮންސްޓްރަކްޝަން ކިޔާ އަމިއްލަ ކުންފުންޏަކާ މިހާރު ވަނީ ހަވާލުކޮށްފައެވެ. އެގޮތުން ފަޅު ކޮނުމާއި، ތޮށިލުމުގެ އިތުރުން ޖެޓީ އަދި ފްލޯޓިން ޕޮންޓޫން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ. އެމްޕީއެލް އިން ބުނި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއްފަހަރާ ބަނދަރުކުރެވޭނެ ޖާގަ ތަރައްގީކުރާނެއެވެ.

މެރީނާ ހިންގުމާ ހަވާލުވާ ކުންފުންޏަކުން ޔޮޓުފަހަރަށް ބޭނުންވާ މައިގަނޑު ހުރިހާ ހިދުމަތެއް ފޯރުކޮށްދޭން ޖެހެއެވެ. މީގެ ތެރޭގައި ތެޔޮ އެޅުމާއި، ކަރަންޓާއި ފެން ދިނުމާއި، ކުނި މެނޭޖުކުރުމުގެ އިތުރުން އުޅަނދުފަހަރު މަރާމާތުކުރުން ހިމެނެއެވެ. ހަމައެއާއެކު، މެރީނާ ހޮޓާ ނުވަތަ ރިސޯޓަކާއި، ކެފޭ ރެސްޓޯރަންޓުތަކާއި، ކްރޫންނަށް ހާއްސަ ފެސިލިޓީތަކުގެ އިތުރުން ވޯޓާ ސްޕޯޓްސް އާއި ވެލްނެސް ސެންޓަރުތައް ވެސް ގާއިމުކުރަން ޖެހޭނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މި މެރީނާ ހިންގުމަށް ހަވާލުކުރަނީ ބިލްޑް އެންޑް އޮޕަރޭޓް އުސޫލުގެ ދަށުން ދިގު މުއްދަތަކަށް ކުއްޔަށް ދީގެންނެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ޔޮޓް ރޫޓުތަކުގައި އުލިގަން އިޝްތިހާރުކުރުމާއި، ގްލޯބަލް ބްރޭންޑިން އަދި ޗާޓަރު ޕާޓްނަރުން ހޯދުމަކީ ވެސް މެރީނާ އޮޕަރޭޓުކުރާ ފަރާތުގެ މައިގަނޑު އެއް ޒިންމާއެވެ.

ރާއްޖެއިން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް މަޑުކުރާ މަންޒިލެއްގެ ގޮތުގައި އުލިގަން މަޝްހޫރުވެފައިވާއިރު، މި މަޝްރޫއަކީ އެ ރަށަށް އިގުތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ މި މެރީނާ މެދުވެރިކޮށް ހިދުމަތްތައް ފުޅާކޮށް، އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.