ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަންކަމުގެ އިތުރު ތަފްސީލްތައް ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމަކީ މި މަހުގެ 6 ވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ނިންމަވާފައިވާ ނިންމެވުމެކެވެ.
ވަޒީރުންގެ މަޖިލީހުގެ މި ނިންމެވުމުގައި، ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާގު އަލުން އިޔާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވުމާއެކު، އިޙުތިރާމު އަދާކުރުމުގެ 5 އަހަރު ދުވަހުގެ މަޝްރޫޢެއް މުޅި ރާއްޖޭގައި ހިންގެވުމަށާއި އިޙުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ޝިޢާރަކީ “އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ” ކަމުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މީގެއިތުރުން މި މަޝްރޫއު ހިންގުމަށް ވިލަރެސްކުރާ މި ފަންނުގެ ތަޖުރިބާ ހުރި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދެވުމަށާއި އަދި މި ކޮމިޓީގައި ތިރީގައިވާ ވުޒާރާތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ހިމެނުއްވުމަށް ވަނީ ނިންމަވާފައެވެ.
އަދި އިޙުތިރާމް އަދާކުރުމުގެ ދުވަހެއް، ގައުމީ ފެންވަރުގައި “ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް” ގެ ގޮތުގައި އަހަރަކު 1 ފަހަރު ފާހަގަކުރުމަށާއި އެ ދުވަހަކީ މި މަޝްރޫޢު އިފްތިތާޙު ކުރާ ދުވަސްކަމުގައި ހަމަޖެއްސެވުމަށްވެސް ވަނީ ނިންމަވާފައެވެ