English Edition
Dhivehi Edition
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބަދުالله މުއްތަލިބު

ހުޅުމާލެ ދެވަނަ ފިޔަވަހިން ނުއަގުގައި ބިމެއް ވިއްކާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ، އިންސާފު ނުލިބި 23 އަހަރުވެފައިވާ މީހަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އާންމުވެފައިވާ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި، ހުޅުމާލެއިން 1,250 އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް 375 ރުފިޔާގެ ރޭޓުން ވަނީ ވިއްކާފައެވެ. ހައުސިން މިނިސްޓްރީގެ އެ އޮފީސް މެމޯގައިވާ ގޮތުން ބިމުގެ ޖުމްލަ އަގަކީ 468,750 ރުފިޔާއެވެ. އަދި އެޑްވާންސްގެ ގޮތުގައި 50,000 ރުފިޔާ ދެއްކުމަށްފަހު، ބާކީ ފައިސާ 5 އަހަރަށް ބަހާލައިގެން ދެއްކުމަށް އެ މެމޯގައި ބަޔާންކޮށްފައިވެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު މުއްތަލިބް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުރުވަމުންދާ މެމޯގެ މާނަ ނަގަމުންދަނީ އެންމެ ގޯސް ގޮތަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުށެއް ނެތް މުވައްޒަފެއްގެ އިތުރުން، އިންސާފު ހޯދުމަށް 23 އަހަރު ވަކާލާތުކޮށްފައިވާ އުމުރުން ދުވަސްވީ ސިވިލް ސްޓާފަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްސީލު ހާމަކުރުމަށްޓަކައި ހައުސިން މިނިސްޓްރީގެ މީޑިއާ ބަޔާނެއް ނެރޭނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.