English Edition
Dhivehi Edition
ރައީސް މުއިއްޒު މެލޭޝިއާ ޕްރައިމް މިނިސްޓަރާއެކު

ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ބޭނުމުގައި، މެލޭޝިއާގެ ޕްރައިމް މިނިސްޓަރު އަންވަރު އިބްރާހީމް އަންނަ ހަފުތާގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަންވަރު ރާއްޖެ ވަޑައިގަންނަވާނީ އިންޑިއާގައި ބާއްވާ “ބްރިކްސް” ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްފަހުގައެވެ. މިއީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި މެލޭޝިއާގެ ޕްރައިމް މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން އެ ގައުމުގެ ޕްރައިމް މިނިސްޓަރަކު ރާއްޖެ ވަޑައިގަތީ 2017 ވަނަ އަހަރުގައެވެ. އޭރު ރާއްޖެ ވަޑައިގަތީ ކުރީގެ ޕްރައިމް މިނިސްޓަރު ނަޖީބް ރަޒާގެވެ.

މެލޭޝިއާއަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ، އަދި މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ގައުމެކެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަހަރު މެލޭޝިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ސިއްހީ ދާއިރާއާއި، ޓޫރިޒަމް ދާއިރާއާއި، ޑިޕްލޮމެޓުން ތަމްރީނުކުރުމުގެ އިތުރުން ބައިލެޓްރަލް ކޮންސަލްޓޭޝަނާ ގުޅޭ ފަސް އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

މެލޭޝިއާގެ ޕްރައިމް މިނިސްޓަރުގެ ދައުވަތަކަށް ރައީސް ކުރެއްވި އެ ދަތުރުފުޅުގައި އަންވަރާއެކު ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓެއްގައި ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތަކަކީ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ބިންގަލެއް ކަމަށެވެ.

މީގެ އިތުރުން، މުސްތަގުބަލުގައި ވެސް އިތުރު އެހެން ދާއިރާތަކުން މެލޭޝިއާއެކު ގުޅުން ބަދަހިކުރައްވަން ބޭނުންފުޅުވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ. އެހެންކަމުން، އަންވަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ މެދުގައިވާ ގާތްކަން އިތުރު ހަރުފަތަކަށް ގޮސް، އާ ރޮނގުތަކަކުން ފައިދާހުރި މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ބެލެވެއެވެ.