ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާ ވަގުތުތަކުގައި ވެރިކަންކުރާ ޕީއެންސީގެ ރައްޔިތުންގެ މަޖިލިސް މެންބަރުން އަތްތިލަބަޑި ޖަހަނީ ނޯތު ކޮރެއާގެ ވައްޓަފާޅިއަށްކަމަށް ބުނުމަކީ، ރައީސަށް ކުރާ މަލާމާތެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅުގައި ތިބޭ ފަރާތްތަކުގެ ޒިންމާއަކީ ރައީސަކު ދައްކަވާ ވާހަކަފުޅުތަކުގެ ހަގީގަތް ޕޯޑިއަމްތަކުގައި ރައްޔިތުންނަށް އޮޅުންފިލުވައިދިނުން ކަމަށެވެ. އަދި ހުށާމަދު ކުރުމުގެ ގޮތުން މަޖިލިސް ތެރޭގައި އަތް ހުޅުނެއްޓޭ ވަރަށް އަތްޖަހަމުންދާ ދިއުމަކީ ނޯތު ކޮރެއާގެ ލީޑަރު ވާހަކަ ދެއްކެވުމުން އަމަލުކުރާ ގޮތް ކަމަށް ވިދާޅުވުމަކީ، ރައީސް މުއިއްޒަށް ކުރެވޭ މަލާމާތެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހަކީ ގަދަ ކަނޑަކަށް އެއްލާލާފައި އޮންނަ ހިކި ބޮންބިގަނޑެއް ފަދަ ބޭފުޅެއް ކަމަށާއި، އޮޔާ ވަޔާ ދާހެން ޕީޕީއެމުން ޖުމްހޫރީ ޕާޓީއަށް އަދި މިހާރު ޕީއެންސީއަށް ބަދަލުވެފައިވާކަމަށެވެ. މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި ނަމަވެސް އޭނާގެ އިލްމީ ގާބިލުކަން ނެތްކަން މަޖިލީހުގެ ތެރެއިން ފެންނަމުންދާކަމަށް ޔާމީން ވިދާޅުވިއެވެ.
އަބްދުއްރަހީމް އަބްދުﷲ އަށް ފާޑުވިދާޅުވެ ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އާއިލާގެ އެއްވެސް މީހަކަށް، އަނބިކަނބަލުންނަށް އަދި ދަރިއަކަށް ވެސް ލޯނެއް ހަމަޖައްސަވައިދެއްވާފައި ނުވާނެ ކަމަށާއި، ނަމަވެސް މި ސަރުކާރު އައުމާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް އަބްދުއްރަހީމްގެ އަނބިކަނބަލުންނަށް 100 އެތައް މިލިއަން ރުފިޔާއެއްގެ ލޯނެއް ހަމަޖައްސައިދީފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ.
އަނބިދަށުވެފައި ހުންނަނީ ކާކުތޯ ސުވާލު އުފައްދަވަމުން، އެހެން މީހުންނާ ސުވާލު ކުރުމުގެ ކުރިން އަމިއްލަ ނަފްސަށް ބަލައިލުން ރަނގަޅުވާނެ ކަމަށް ވިދާޅުވިއެވެ. އަދި އަމިއްލަ އަނބިމީހާއާ އޮންނަ ގާތް ގުޅުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަމަށާއި، އާއިލާ ބިނާވެފައިވަނީ އެ ގުޅުމުގެ މައްޗަށްކަމަށް ވިދާޅުވިއެވެ.
މިހާރު ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބައެއް މެންބަރުންނަކީ މީގެ ކުރިން އެމަނިކުފާނުގެ ވެރިކަމުގެ ބާރު ކަނޑުވާލުމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމާ ގުޅިވަޑައިގެންނެވި ބޭފުޅުން ކަމަށާއި، އެ ބޭފުޅުން އަބަދުވެސް ގާތްވާނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާކަމަށް ވިދާޅުވިއެވެ.