ފާއިތުވި ތިން މަސް ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭހެން 205 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ އެކު ބާއްވާ ބައްދަލުވުމުގެ ބަދަލުގައި ޕީއެސްއެމްގައި ބޭއްވި ސައެއްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 205 މީހަކު ވަކިކޮށްފައިވަނީ ސަރުކާރުގެ 15 މިނިސްޓްރީއަކުން ކަމަށެވެ. އަދި އެއީ ހަތަރު މަގާމެއްގައި ތިބި ބައެއް ފަރާތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިގޮތުން މީހުން ވަކިކޮށްފައިވާ މަގާމުތަކުގެ ތެރޭގައި ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުންގެ އިތުރުން ޕޮލިޓިކަލް ޑައިރެކްޓަރުން ހިމެނޭ ކަމަށް މުންދު ވިދާޅުވިއެވެ.
ސިޔާސީ މަގާމުތަކުގައި ތިބި މީހުން ވަކިކުރުމުގެ މަސައްކަތް ހުއްޓިފައި ނުވާ ކަމަށާއި، އެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގައި މިހާރު ތިބި ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދު ހާމަކުރުމަށް ނޫސްވެރިން ތަކުރާރުކޮށް އެދުމުންވެސް، އެ އަދަދު ވިދާޅުވާން މުންދުއަށް ވަނީ ނުކުޅެދިފައެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމަށް ސަރުކާރުން ފަށާފައިވާ މި މަސައްކަތުގެ ދަށުން، ކުރިއަށް އտޮތް ތަނުގައިވެސް އިތުރު ފަރާތްތައް މަގާމުތަކުން ވަކިކުރާނެ ކަމަށް ބެލެވެއެވެ.