English Edition
Dhivehi Edition
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) -

ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުން ފޯނު ކޯލެއް ލައިވްކުރާނަމަ ނުވަތަ ބްރޯޑްކާސްޓްކުރާނަމަ، އެ ކޯލަށް ޖަވާބުދޭ ފަރާތަށް އެކަން ސާފުކޮށް އަންގަންޖެހޭނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.

މީޑިއާ ކޮމިޝަނުން މިގޮތަށް އިރުޝާދު ދީފައިވަނީ، ދާދިފަހުން ރާއްޖޭގެ ޓީވީ ޗެނަލަކުން ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ގުޅައި، އެ ފޯނު ކޯލު ލައިވްކުރުމާ ގުޅިގެން ކަންބޮޑުވުންތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނީ ނޫސްވެރިންނާއި މީޑިއާތަކުން ކޯލުތަކާއި، އިންޓަރވިއުތައް އަދި ލައިވް ޕްރޮގްރާމްތައް ބްރޯޑްކާސްޓްކުރުމުގައި ޤާނޫނުތަކާއި، ޤަވާއިދުތަކާއި، އަދި މީޑިއާގެ ސުލޫކީ މިންގަނޑުތަކަށް އިހްތިރާމްކުރަންޖެހޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީން ކޮންމެ މީހަކަށްމެ ކަށަވަރުކޮށްދީފައިވާ ޒާތީ އަދި ޢާއިލީ ދިރިއުޅުމުގެ ޙުރުމަތާއި ޒާތީ މުޢާމަލާތްތަކުގެ ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުން އިހްތިރާމްކުރަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. .

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ވަކިވަކި ފަރުދުންގެ ކަރާމާތާއި، އަބުރު، އަދި ނަފްސުގެހުރުމަތް ރައްކާތެރިކުރުން މީޑިއާތަކަށް ލާޒިމްވެގެންވާކަން ވަނީ ބަޔާންކޮށްފައެވެ. އަދި ފޯނު މުއާމަލާތެއް ބްރޯޑްކާސްޓްކުރަން އިއުތިރާޒެއް ނެތްކަން ކަށަވަރުކުރުމާއި، ވަގުތުން ލައިވްކުރާނަމަ އެކަން ކޯލު ރައްދުވާ ފަރާތަށް ސާފުކޮށްދީ ރުހުން ހޯދަންޖެހޭނެކަމަށްވަނީ ބުނެފައެވެ.

މީގެއިތުރުން، އާންމު މަސްލަހަތުގައި މައުލޫމާތު ހޯދުމާއި، އެ މައުލޫމާތެއް ހޯދި މަޤުޞަދަށް އެކަނި ބޭނުންކުރުމަށާއި، މައުލޫމާތުގެ ސައްޚަކަން ކަށަވަރުކޮށް މަސްދަރު ރައްކާތެރިކުރުމަށް މީޑިއާ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.