މިއަދު ހެނދުނު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 08:54 ހާއިރު ކަމަށެވެ. އަދި މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ހުންނަ ކޭޕީއެސް ކައިރީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާ ގުޅިގެން އަނިޔާވި ދެ މީހުންނަށް ވަގުތުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، މިހާރު އަންނަނީ އެތަނުގައި ފަރުވާދެމުންނެވެ. އެހެންނަމަވެސް، އެ މީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިފަދަ ހާދިސާތައް ތަކުރާރުވުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިރުޝާދު ދެމުންނެވެ.
މިއަދު މި އެކްސިޑެންޓު ހިނގާފައިވާއިރު، މިދިޔަ ހަފްތާގައި ވެސް ހުޅުމާލޭގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެ ހާދިސާގައި ޒަހަމްވެގެން ފަރުވާދެމުން ދިޔަ 9 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފައެވެ.