English Edition
Dhivehi Edition
ސްޓޭޓްފާމާ

ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު (ސްޓޮކް) ވަގުތުން ބަލާލެވޭނެ ޑިޖިޓަލް ނިޒާމެއް ދައުލަތުގެ ބޭސް ކުންފުނިން ގާއިމުކޮށްފިއެވެ.

އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށް ވެފައިވަނީ މާލެއާއި އަތޮޅުތެރޭގެ ފާމަސީތަކުގެ ސްޓޮކް ދެނެގަނެވޭނެ ނިޒާމެއް ނެތުން ކަމަށްވާތީ، މިހާރު ވަނީ އެކަމަށް ޑިޖިޓަލް ހައްލެއް ހޯދައިދީފައެވެ.

ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް ސީދާ ފޯނުން ފާމަސީތަކުގެ ބޭސް ސްޓޮކް ބަލާލެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ޝާހް ވިދާޅުވިއެވެ. އަދި މެދުނުކެނޑި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހް ވިދާޅުވީ ބޭސް އެތެރެކުރުމަށް މިހާތަނަށް 3 ކުންފުންޏަކާއެކު އެއްބަސްވުން ގާއިމުކޮށްފައިވާއިރު، އިތުރު ކުންފުނިތަކާއެކު މަޝްވަރާކުރެވެމުންދާކަމަށެވެ. އަދި ފާމަސީއެއްގައި ބޭސް ނެތްނަމަ ލިބެން ހުރި އެހެން ފާމަސީއެއް ބަލިމީހާއަށް ބުނެދިނުމާއި، ރާއްޖެއިން ހުސްވެފައިވާ ބޭހެއްނަމަ އަވަހަށް އޯޑަރުޖަހައިދިނުމުގެ ހިދުމަތް ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް ފާމާއިން އަންދާޒާކުރާ ގޮތުގައި، މިހާރު ކުރިއަށްދާ އިދާރީ އަދި ލޮޖިސްޓިކްސް މަސައްކަތްތަކާއެކު އަންނަ އަހަރުގެ މެދުތެރޭގައި ރާއްޖޭގެ ބޭހުގެ މައްސަލައަށް އެދެވޭ އަދި ބޮޑު ހެޔޮ ބަދަލެއް އަންނާނެއެވެ.