ހދ. ހިރިމަރަދޫ އަކީ ފަޅުރަށެއް ކަމަށް ކަނޑައެޅުމަށްފަހު، އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ އެމްޑީޕީގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން ރަޖިސްޓްރީކޮށް ބަލަން ފަށައިފިއެވެ.
މި މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން މިދިޔަ މަހުގެ ތެރޭގައެވެ. އެމްޑީޕީން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވަނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ހިރިމަރަދޫ ކައުންސިލް އުވާލާފައިވާ ކަމަށާއި، ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުން އެ ރަށުގެ ރައްޔިތުން މަހުރޫމްވެފައިވާ ކަމަށެވެ. އަދި ހިރިމަރަދޫގެ އާބާދީގެ ކަންކަން ބެލެހެއްޓުން ހދ. ހަނިމާދޫ ކައުންސިލާ ހަވާލުކޮށްފައިވީ ނަމަވެސް، އެކަން އެންމެ އެދެވޭ ގޮތެއްގައި ނުހިނގާ ކަން ވަނީ ފާހަގަކޮށްފައެވެ.
ހދ. އަތޮޅުގެ 13 ރަށުގެ ތެރެއިން އެންމެ އާބާދީ ކުޑަ ހިރިމަރަދޫގައި އެންމެ ފަހުގެ ބޯހިމެނުމުގެ މައުލޫމާތުތަކަށް ބަލާއިރު ދިރިއުޅެނީ 293 މީހުންނެވެ. އެއީ 157 ފިރިހެނުންނާއި 136 އަންހެނުންނެވެ.
ސަރުކާރުން ނިންމާފައިވަނީ ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށްޓަކައި ހަނިމާދޫގައި ހާއްސަ ފްލެޓުތަކެއް އެޅުމަށެވެ. ނަމަވެސް އެ މަޝްރޫއު އަދި ކުރިއަށް ގޮސްފައެއް ނުވެއެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހުގައި ވިދާޅުވެފައިވަނީ، ހިރިމަރަދޫ ރައްޔިތުންނަށް ހާއްސަ ހައުސިން މަޝްރޫއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދީ ދަތިތައް ކުރިމަތިކުރަމުންދާ ކަމަށެވެ.
އެޗްއާރުސީއެމުން ކަށަވަރުކޮށްދީފައިވާ ގޮތުގައި އެމްޑީޕީން ހުށަހެޅި މައްސަލަ މިހާރު އަންނަނީ ރަސްމީކޮށް ތަހުގީގު ކުރަމުންނެވެ.