ދިވެހިރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ޖަމީލާ އަލީ ހާލިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
ޖަމީލާއަށް މަގާމުގެ ލިޔުން ހަވާލުކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށްފަހު، އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް، ހާރިޖީ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ޖަމީލާއަކީ ހާރިޖީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެކުރިން އޭނާ ވަނީ ރާއްޖޭން ޖަރުމަނުވިލާތަށް ކަނޑައެޅުއްވި ސަފީރުކަމާއި ސިވިލް ސަރވިސް ކޮމިޝަނުގެ ނާއިބުރައީސްކަންވެސް ކުރައްވާފައެވެ.