މާލޭގައި ގޭސް ލީކުވެގެން ހިނގި ހިތާމަވެރި ހާދިސާގައި މަރުވި އަންހެން މީހާގެ ޕޯސްޓްމޯޓަމް ނުހަދަން ނިންމައި، އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު މައްޗަންގޯޅި ދިލްކުޝާ ގޯޅީގައި ހުންނަ މއ. އަސްޓްރަލްގެ ދެވަނަ ފަންގިފިލާގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 51 އަހަރުގެ ޒާހިދާ ތައުފީގެވެ. އޭނާއަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ އަދި މާލޭ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހެކެވެ.
ފުލުހުން މިއަދު ބުނީ ޒާހިދާގެ ހަށިގަނޑު މިހާތަނަށް ބާއްވާފައި އޮތީ މޯޗަރީގައި ކަމަށެވެ. ނަމަވެސް، އޭނާގެ ޕޯސްޓްމޯޓަމް ނުހަދަން ނިންމުމަށްފަހު މިއަދު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި ނުރައްކާތެރި ހާދިސާގައި ޒާހިދާގެ 19 އަހަރުގެ އަންހެން ދަރިފުޅަށް ވެސް ވަނީ ގޭހުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ. އެ ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ގޭސް ލީކުވާން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.