ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބޭ މީހުން އަލުން ރަޖިސްޓްރީވުމަށް އެ އެޖެންސީން ހުޅުވާލައިފިއެވެ. މިކަން މިގޮތަށް ނިންމީ ދައުލަތުން ދޭ މާލީ އެހީތައް އެންމެ ހައްގުވާ މީހުންނަށް ފޯރުކޮށްދީ، އެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުމުގައެވެ.
އާންމު ގަވާއިދު އޮންނަ ގޮތުން އެންސްޕާއިން އެހީ ހަމަޖައްސައިދެނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ އޮފީހުން ބުނީ، މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެހީ ލިބޭ މީހުންގެ ތެރެއިން އެހީ ކުރިއަށް ގެންދަން ބޭނުންވާ މީހުން އެ މަސް ނިމުމުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި ފޯމު ހުށަނާޅައިފިނަމަ، ދެން އެހީ ލިބޭނީ އާ ފޯމެއް ލައިގެން، އެހީ ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ފަހުގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެންސްޕާއިން ދޫކުރާ އެހީތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ ފައިސާގެ އިތުރުން، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށް ދޭ އެހީއެވެ. މީގެ އިތުރުން ފަގީރު ހާލަތުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީތެރިކަން ވެސް ހިމެނެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކަނިވެރި މައިންނާއި ބަފައިންނަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. އެއީ 3،313 މީހަކަށް ދިން އެހީއެވެ. މި އެހީގެ ދަށުން 5،687 ކުދިންނަށް ފައިދާކޮށްފައިވާއިރު، މިދިޔަ މަހު ވަނީ މުޅިން އަލަށް 112 ބެލެނިވެރިއަކާއި 207 ކުއްޖަކު މި ޕްރޮގްރާމްގައި ރަޖިސްޓްރީކޮށްފައެވެ.
މައިންބަފައިން ނޫން އެހެން ފަރާތްތަކުން ބަލަހައްޓާ ކުދިންނަށް މިދިޔަ މަހު ވަނީ 181،000 ރުފިޔާ ދޫކޮށްފައެވެ. އެއީ 98 ބެލެނިވެރިއަކު ބަލަހައްޓާ 132 ކުއްޖަކަށް ދިން އެހީއެވެ. ހަމައެއާއެކު، ފަގީރު ހާލަތުގައި ދިރިއުޅޭ 659 މީހަކަށް ކާބޯތަކެތި ގަތުމަށްޓަކައި 26،360 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ރެކޯޑުތަކުން ދައްކައެވެ.