English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ, މުހައްމަދު މަުއިއްޒު

ރާއްޖޭގެ ތަރައްގީއަށް ދިވެހި އިންޖިނޭރުންގެ ދައުރު ވަރަށް މުހިންމު ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެ ދާއިރާ ހަމައެކަނި ދިވެހިންނަށް ހާއްސަކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ، ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލޮޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ރާއްޖޭގައި އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް ކަނޑައެޅުމަށްފަހު، އެ ދާއިރާގެ ދަރިވަރުންނަށް ހިތްވަރު ދެއްވުމަށް ބޭއްވި ހާއްސަ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދަރިވަރުން ވަނީ އިންޖިނިއަރިން ދާއިރާގައި ބިދޭސީން ގިނަވުމުގެ ސަބަބުން ވަޒީފާ ހޯދުމަށް ހުރި ދަތިތަކުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި ދިވެހި ޒުވާނުން ކިޔަވައިގެން ނުކުތުމުން ވަޒީފާ ނުލިބޭނެ ސަބަބެއް އޮވެގެން ނުވާނެ ކަމަށާއި، އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

“ރާއްޖޭގެ ތަރައްގީއަށް ބަލާއިރު ވަރަށް މުހިންމު އެކި ކަހަލަ އިންޖިނިއަރިން ފީލްޑްތަކުން ވީހާވެސް ގިނަ ދިވެހިން ކިޔަވައިގެން ނުކުމެ ރާއްޖެއަށް ހިދުމަތް ކުރަން. ބޭރުމީހުންނެއް ނޫން އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެން ދިވެހިން ރާއްޖޭގެ ހުރިހާ އިންޖިނިއަރިން ދާއިރާތަކުން މަސައްކަތްކުރަން،” ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ވާހަކަފުޅާ ގުޅިގެން، އެމަނިކުފާނު ވަނީ މަތީ ތައުލީމު ހާސިލުކުރުމަށް ސަރުކާރުން ދޭ ހައި އެޗީވާސް ސްކޮލަޝިޕާއި ލޯނުތަކުގައި ވެސް އިންޖިނިއަރިން ދާއިރާއަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ސަރުކާރުގެ ބޭނުމަކީ ޔުނިވަސިޓީތަކުން ކިޔަވާ ކުދިންނަށް ރަނގަޅު ތައުލީމީ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ސްކޫލް ނިންމާ ކުދިން މި ދާއިރާއަށް ނުކުތުމަށް ހިތްވަރުދީ، މި ސިނާއަތް ކުރިއެރުވުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.