English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ފޮޓޯ:އޭއޯ ނިއުސް

ފުވައްމުލައް ސިޓީ މޫޑިގެ ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެއްސުމަށްފަހު، މަޑުނުކޮށް ގޮސް އެ މަގުން ދަތުރުކުރި އެހެން ކާރެއްގައްޔާއި ރުކެއްގައި ޖައްސައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިންގި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ކާރު ދުއްވަން ހުރި 35 އަހަރުގެ ދިވެހި ފިރިހެނަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، ކާރު ދުއްވި މީހާ ހުރީ މަސްތުގެ ހާލަތުގައިކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި އެކްސިޑެންޓްތައް ހިންގާފައިވަނީ ކާރުގެ ވެރިފަރާތަށް އަނިޔާކޮށް، ކާރު ހަލާކުކޮށްލާނެ ކަމަށް ބުނެ އިންޒާރުދިނުމަށް ފަހު ގަދަކަމުން ކާރު އަތުލައިގެން ގޮސްގެން ކަމަށެވެ. .

އެކްސިޑެންޓުގައި ސައިކަލު ދުއްވި އަންހެން މީހާއަށާއި، ފަހަތުގައި އިން 8 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިގެން ފުވައްމުލައް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

މި ހާދިސާގައި އެކްސިޑެންޓްވި ދެ ކާރަށާއި ސައިކަލަށް އެކިވަރުގެ ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.