މާލޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗަށް އޮންނަ ބާރު ކުޑަކޮށް، ރައްޔިތުންނަށް ފަސޭހައިން ފަރުވާ ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތިން ހިދުމަތެއް ފަށައިފިއެވެ. މުޅިން އަލަށް ފެށި މި ހިދުމަތްތަކަކީ ގެސްޓްރޯ، ނިއުރޯ އަދި ޔޫރޮލަޖީގެ ހިދުމަތެވެ. މިކަން ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
މި ހިދުމަތްތައް ފެށުމުގެ ގޮތުން ހެލްތު މިނިސްޓަރު ވަނީ އެ ހޮސްޕިޓަލުގައި ނިއުރޯ ސައިންސް ޔުނިޓެއް ހުޅުވައިދެއްވާފައެވެ. ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި ހިދުމަތްތައް ހުޅުމާލޭގައި ފެށުމުގެ މައިގަނޑު ބޭނުމަކީ ވެއިޓްލިސްޓު ކުޑަކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދިއުން މަދުކުރުން ކަމަށެވެ. އަދި އަމާޒަކީ މިފަދަ ހާއްސަ ހިދުމަތްތައް ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ގާއިމުކުރުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ، މީގެ ކުރިން މި ހިދުމަތްތައް ހޯދުމަށް އާންމުން ދާން ޖެހެނީ އައިޖީއެމްއެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލަށް ކަމަށެވެ. ނަމަވެސް އަލަށް ފެށި ހިދުމަތްތަކާއެކު ނިއުރޮލޮޖީގެ ކޮންސަލްޓޭޝަންގެ އިތުރުން އީއީޖީ ހެދޭނެ ކަމަށާއި، ޔޫރޮލަޖީގެ ޓެސްޓުތައް ވެސް ހުޅުމާލެ ހޮސްޕިޓަލުން ހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ގެސްޓްރޯގެ ކޮންސަލްޓޭޝަން ހިދުމަތް ފަށާފައިވާއިރު، ކައިރި މުސްތަގުބަލެއްގައި އެންޑޮސްކޯޕީ އާއި ކޮލޮނޮސްކޯޕީގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުގައި ފަށާނެއެވެ. މީގެ އިތުރުން ނިއުރޯ ސައިންސް ޔުނިޓުގައި ހިމެނޭ އީއީޖީގެ ހިދުމަތް ކޮންމެ ދުވަހަކު ވެސް ރަސްމީ ގަޑިތަކުގައި ލިބޭނެ ކަމަށާއި، އިމަޖެންސީ ހާލަތްތަކުގައި ކޮންމެ ގަޑިއަކު ވެސް ހިދުމަތް ލިބޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ހިދުމަތްތައް ފުޅާކުރުމަށް ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ހަތަރު އޮޕަރޭޓިން ރޫމް ހިމެނޭ ތިއޭޓާ ކޮމްޕްލެކްސްއެއްގެ އިތުރުން، 10 އެނދުގެ އައިސީޔޫއެއް އަދި 14 އެނދުގެ އެންއައިސީޔޫއެއް ވެސް އެ ތަނުގައި ވަނީ ގާއިމުކޮށްފައެވެ.