English Edition
Dhivehi Edition
ކަޅުބިލަ މަސް

ރާއްޖޭގެ މަސްވެރިކަން ދަށްވެ، ރޯމަސް ލިބުން ދަތިވުމުގެ ސަބަބުން ޑިމާންޑާއި ސަޕްލައިއަށް ބިނާކޮށް މިފްކޯއިން ކަޅުބިލަމަސް ގަންނަ އަގު ކިލޯއަކަށް 21 ރުފިޔާއަށް ހޮނިހިރު ދުވަހުން ފެށިގެން ބޮޑުކޮށްފިއެވެ.

މަސް ބާނާ މިންވަރު މަދުވުމާ ގުޅިގެން ރާއްޖެއިން މަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކްސްޕޯޓުކޮށްފައިވަނީ 16،991 މެޓްރިކް ޓަނުގެ މަހެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކުރި 44،791 ޓަނާ އަޅާބަލާއިރު 62 ޕަސަންޓުގެ ދަށްވުމެކެވެ.

މި މުއްދަތުގައި އެންމެ ބޮޑު ދަށްވުމެއް އައިސްފައިވަނީ ފިނިކުރި ކަޅުބިލަމަހުގެ އެކްސްޕޯޓަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 10،603 ޓަނުގެ ކަޅުބިލަމަސް އެކްސްޕޯޓުކޮށްފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 70 ޕަސަންޓުގެ ދަށްވުމެކެވެ. މީގެ އިތުރުން މަސްދަޅު އެކްސްޕޯޓުކުރި މިންވަރުވެސް ވަނީ 11 ޕަސަންޓު ދަށްވެފައެވެ.

މިފްކޯއިން ބުނި ގޮތުގައި އެ ކުންފުނިން މިހާރު މަހުގެ އަގު ކަނޑައަޅަނީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ބަލައިގެންނެވެ. އަލަށް ކަނޑައެޅި 21 ރުފިޔާގެ ރޭޓުގައި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން އެ ކުންފުނީގެ މަސް ގަންނަ ބޯޓުތަކުން މިހާރު އަންނަނީ މަސް ކިރަމުންނެވެ.

މަސް ގަންނަ އަގު ބޮޑުކުރިއިރު، ކަޅުބިލަމަސް ގަންނަ އަގު 21 ރުފިޔާއަށް ވުރެ ދަށް ނުކުރުމަށާއި، ބޮޑު ކަންނެލި ގަންނަ އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ބެހެއްޓުމަކީ ސަރުކާރުގެ ވައުދެކެވެ.