English Edition
Dhivehi Edition
ފުވައްމުލައް ސިޓީ

ފުވައްމުލައް ސިޓީގެ ފެނަކަ ކޯޕަރޭޝަން އަދި ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ބްރާންޗްތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަމުންދާތީ އެކަން ކުށްވެރިކޮށް، ފުވައްމުލައް ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މި ހިނގާ އޮގަސްޓު މަހު ކައުންސިލުން މާލެއަށް ކުރި ދަތުރުގައި ވެމްކޯ އަދި ފެނަކައާއެކު ބޭއްވި ބައްދަލުވުންތަކުގައި މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދިން ނަމަވެސް، ކުއްލި ގޮތަކަށް ޕްރޮޖެކްޓްތައް ހުއްޓާލުމަށްފަހު މުވައްޒަފުން ވަކިކުރުމަކީ ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވުންކަމުގައި ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މި ހާލަތުގައި ނިކަމެތިވަމުންދާ އާއިލާތަކުގެ ހައްގުތައް ހިމާޔަތްކުރުމަށާއި، މި މައްސަލަ ކަމާބެހޭ މުއައްސަސާތަކާއި މިނިވަން ކޮމިޝަންތަކުން ބަލައިދިނުމަށް އެދިފައެވެ. އަދި ވަޒީފާއިން ވަކިކުރި ފަރާތްތަކުގެ ވަޒީފާތައް އަލުން އިޔާދަކުރުމަށްވެސް ވަނީ ގޮވާލާފައެވެ.

ރަށްރަށުގައި ގާއިމުކޮށްފައިވާ ފެނަކައިގެ ބްރާންޗުތަކަށް އެކަށީގެންވާ މުވައްޒަފުންގެ އަދަދު ކަނޑައަޅައި އާ އޮނިގަނޑެއް އެކުލަވާލުމަށް މަޖިލީހުން އަންގާފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޖުމްލަ މުވައްޒަފުންގެ އަދަދު 33 އިންސައްތައަށް ކުޑަކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންވެސް ވަނީ އަންގާފައެވެ.