English Edition
Dhivehi Edition
ޓްރެފިކް ފުލުހުން

މާލޭގެ މަޖީދީމަގާއި ޗާންދަނީމަގު ގުޅޭ ކަންމަތީގައި އިއްޔެ ހަވީރު ޓްރެފިކް ބަލަހައްޓަން ހުރި ފުލުހެއްގެ ގައިގައި ސައިކަލަކުން ޖައްސައި ފިލަން މަސައްކަތްކުރި 23 އަހަރުގެ ޒުވާނަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 17:34 ހާއިރުއެވެ. އެ ސަރަހައްދުގައި ފުލުސް މީހާ ޑިއުޓީގައި ހުއްޓައި، އޭނާގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު އެ ޒުވާނާ ވަނީ ވަގުތުން އެ ތަނުން ފިލަން މަސައްކަތް ކޮށްފައެވެ.

މި ހާދިސާގައި ޓްރެފިކް ފުލުސް މީހާއަށް އަނިޔާވި ނަމަވެސް، އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުންޏެވެ. އަދި އޭނާއަށް ބޭނުންވާ ފަރުވާ ދީފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފިލަން އުޅުމުގެ ތެރޭގައި މިފަދަ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައި އެބަހުއްޓެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެގު