English Edition
Dhivehi Edition
ފުލުހުން ހައްޔަރުކުރި މުހައްމަދު ފަޒީލް އަދި އަބްޝަރު ރަޝީދު / ފޮޓޯ: ފުލުހުން

ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ އޯޓީޕޯ ކޯޑު ހިއްސާކުރުމުން، ގޮތް ނޭންގޭ ޓްރާންސެކްޝަނެއް ހިންގައި އޭނާގެ އެކައުންޓުން މަކަރާއި ހީލަތުން 92000 ރުފިޔާ އަތުލާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން، ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުހައްމަދު ފަޒީލް (23އ)، ފައިންޕާކް، ހއ. ހޯރަފުށި އަދި އަބްޝަރު ރަޝީދު (23އ)، ފައިންބީޗް، ގދ. ފިޔޯރީ އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓު 18 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިފައެވެެ.