ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަރުހަލާގައި މައްސަލައެއް ފާހަގަވެއްޖެނަމަ، އެކަމަށް ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.
ފޯމުތަކުގެ ވެރިފިކޭޝަން މަރުހަލާގައި ހުށަހަޅާފައިވާ މައުލޫމާތާއި ސަރުކާރުގެ އިދާރާތަކުން ނުވަތަ ކައުންސިލްތަކުން ލިބިފައިވާ މައުލޫމާތުގައި ފުށުއެރުމެއްވާނަމަ “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށް އަންގާނެއެވެ. އަދި ފޯމުގައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް ފޮނުވޭނެއެވެ. ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫންނަމަ، އެކަމުގެ ތަފްސީލާއި ލިޔެކިޔުންތައް ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރަށް މިނިސްޓްރީން ބުނީ ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ނުދީފިނަމަ، އެ އެޕްލިކޭޝަނަކީ ޝަރުތު ހަމަނުވާ ނުވަތަ ލިޔެކިޔުން ނުފުރިހަމަ ފޯމެއްގެ ގޮތުގައި ބެލެވޭނެކަމަށެވެ. މައްސަލަތަކަށް ޖަވާބު ހުށަހެޅޭނީ ހަމައެކަނި “ބޯހިޔާވަހިކަން” ޕޯޓަލް މެދުވެރިކޮށެވެ. އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ހުށަހަޅާ ޖަވާބުތައް ބަލައެއް ނުގަންނާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
“އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމުގެ ދަށުން 7,900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ފޯމުތައް ބަލައި ޗެކްކުރުމަށްފަހު މިއަހަރުގެ ތެރޭގައި ދާއިމީ ލިސްޓު އިއުލާނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ބުނެފައިވަނީ މި މަސައްކަތް ކުރިއަށްދާނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ހައްގުވެރިންނަށް އެކަނި ބޯހިޔާވަހިކަން ލިބޭނެ ގޮތަށް ކަމަށެވެ.