English Edition
Dhivehi Edition
ދައުލަތުގެ މީޑިއާގެ އަހާށެ ބުނާނަން ޕްރޮގުރާމުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ

ރާއްޖޭގެ ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓެއް ގާއިމުކޮށް، ސާފު ފެން އުފެއްދުމުގެ ބިޔަ މަޝްރޫއެއް ނޯވޭގެ ކުންފުންޏަކާ ގުޅިގެން ފެށުމަށް މާލެ ވޯޓަ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ތައްޔާރުވާން ފަށައިފިއެވެ. މިއީ އަންނަ އަހަރުގެ މެދުތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

މި މަސައްކަތުގައި އެހީތެރިކަން ހޯދުމަށް ނިންމާފައިވަނީ މި ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ނޯވޭގެ ތަޖުރިބާކާރު ކުންފުންޏަކުންނެވެ. ނޯވޭގައި މިހާރުވެސް މިފަދަ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްދާތީ، އެމްޑަބްލިޔުއެސްސީގެ ޓެކްނިކަލް ޓީމެއް އެ ގައުމަށް ގޮސް ތަޖުރިބާ ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ބުނި ގޮތުގައި، އެއްގަމުގައި ފެން ޕްލާންޓްތައް ބެހެއްޓުމަށް ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު، މިއީ ރާއްޖެ ފަދަ ގައުމަކަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ކަނޑުގެ އެހާ ފުންމިނުގައި ފެނުގެ ޕްރެޝަރު މަތިވުމުން މަސައްކަތުގެ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އޭނާ ލަފާކުރެއެވެ.

“އެންމެ ފުރަތަމަ މި ހަދަނީ ފައިނޭންޝަލް ފީސިބިލިޓީ، ކިހާ ބޮޑު އިންވެސްޓުމަންޓެއްތޯ ދާނީ. މީގައި އެބަހުރި ވަރަށް ބޮޑު އެޑްވާންޓޭޖް ތަކެއް. އެނަޖީ އެފިޝިއަންޓުވުމާއި ރިޖެކްޓު ވޯޓާ ކަނޑަށް ދޫކޮށްލަން ފަސޭހަވުމާއި، އޭގެ އިތުރުން 500 މީޓަރު އަޑިން ލިބޭ ލޮނަކީ ވަރަށް ސާފުލޮނެއް. ބޯހޯލުން ނަގާ ލޮނަށްވުރެ މާ ސާފުތާހިރުވާނެ،” ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ފަހުމީ ބުންޏެވެ.

މި ބިޔަ މަޝްރޫއުގެ އިތުރުން، ތިލަމާލެ ބުރިޖާއެކު މާލެ އާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް ވެސް ކުރުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން ތިލަފުށި ނުވަތަ ގުޅީފަޅުގައި ފެން ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށްފަހު ފެން ސަޕްލައި ކުރުމަށް ރާވާފައިވާއިރު، ބުރިޖުގެ މަސައްކަތް ނިމެންވާއިރަށް މި މަޝްރޫއު ފެށުމަށް ސަރުކާރާއެކު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

އެމްޑަބްލިޔުއެސްސީން މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް އަތޮޅުތަކުގައި ވެސް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނައިރު، ކަނޑު އަޑީގެ މި އާ މަޝްރޫއަކީ އެ ކުންފުނީގެ ހިދުމަތްތަކަށް ގެނެވޭ ބޮޑު އިންގިލާބަކަށް ވެގެންދާނެއެވެ.