ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން، މާލެ އާއި ވިލިމާލެއާ ދެމެދު ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓް އެޅުމުގެ މަސައްކަތް މިއަދު ހެނދުނު ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްދާ ގޮތް މީޑިއާތަކަށް ދައްކާލުމަށްޓަކައި، މަޝްރޫޢުގެ ކޮންޓްރެކްޓަރު އެފްކޮންސް އިން ވަނީ ނޫސްވެރިން އެ ސަރަޙައްދަށް ގެންގޮސް މަޢުލޫމާތު ހިއްސާކޮށްފައެވެ. މިއަދު ފެށި މި މަސައްކަތާއެކު މާލެއާއި ވިލިމާލެ ދެމެދުގެ ބްރިޖުގެ ސުޕަސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމުމަކަށް އަންނާނެއެވެ.
އަދި މި ސެގްމަންޓު ގުޅުވާލުމަށްފަހު ދެން ކުރިއަށްދާނީ ބްރިޖުގެ ރެއިލިންތައް ހަރުކުރުމާއި، ތާރު އެޅުމުގެ އިތުރުން ފިނިޝިން މަސައްކަތްތައް ކަމަށް އެފްކޮންސްއިން މައުލޫމާތު ދެއެވެ. ނަމަވެސް، މި ހުރިހާ މަސައްކަތްތައް އެއްކޮށް ނިންމުމަށް އަދި ވަގުތުތަކެއް ނަގާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކާ ގުޅޭގޮތުން މިދިޔަ މަހު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް ހައުސިން އިން ބުނެފައި ވަނީ ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 90.4 އިންސައްތަ ސެގްމަންޓް ކާސްޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 72.9 އިންސައްތަ ސެގްމަންޓް މިހާރު ވަނީ އިންސްޓޯލްކޮށް ނިންމާލެވިފައެވެ.
ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ ޚަރަދުވާ، ތިލަމާލެ ބްރިޖުގެ މަސައްކަތުގެ ކޮލިޓީއާ މެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި، ކުރަނީ އެންމެ މަތީ ފެންވަރުގެ މަސައްކަތް ކަމަށް ވެސް އެފްކޮންސްއިން ބުނެއެވެ.
ޖުމްލަ ހަތް ކިލޯމީޓަރެއްހައި ދިގުމިނަށް ދެމިގެން ދާނެ މި ބްރިޖަކީ މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވައިދޭނެ ބޮޑު މަޝްރޫއެކެވެ. މި ބްރިޖުގައި ކޮޅަކަށް ދެ ލޭނު ހުންނައިރު، އެއް ކޮޅުގައި ހިނގާ މީހުންނަށް ޖާގައެއް އޮންނާނެއެވެ. އަދި އަނެއް ކޮޅުގައި ކަރަންޓާއި ފެން ފަދަ ޒަރޫރީ ޚިދުމަތްތަކަށް ޚާއްސަ ހޮޅި ބަހައްޓަން ޖާގަ ހިމެނެއެވެ.