English Edition
Dhivehi Edition
ތިލަމާލެ ބްރިޖު

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމެންޓު ހޮނިހިރު ދުވަހު ބަހައްޓަން ނިންމައި، ދެ ރަށް ބްރިޖުން ގުޅާލެވުނު ކަމުގައި ވިޔަސް، އާންމުންނަށް ބްރިޖު މަތިން ދަތުރު ކުރަން ފެށޭނީ އަދި ފަހުންނެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނިން މައުލޫމާތު ދިން ގޮތުގައި، މާލެ އާއި ވިލިމާލެ ގުޅާލުމުގެ ހާއްސަ ހަރަކާތް އޮންނާނީ މާދަމާ ހެނދުނު 11:00 ގައެވެ. މި ސެގްމެންޓު ބެހެއްޓުމާ އެކު، ދެ ރަށް ގުޅުވައިދޭ ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް އެއްކޮށް ފުރިހަމަވާނެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ބްރިޖުގެ މައި އޮނިގަނޑު ނިމުނު ނަމަވެސް، ފިނިޝިން މަސައްކަތްތައް ނިންމަން އަދި ވަގުތު ނަގާނެއެވެ. އެގޮތުން، ރައްކާތެރިކަމުގެ ގޮތުން ހަރުކުރަން ޖެހޭ ރޭލިންތައް ހަރުކުރުމާއި ބްރިޖު އަލި ކުރުމުގެ މަސައްކަތް ނިމުމުން ނޫނީ އާންމުންނަށް ދަތުރު ފަތުރު ކުރާކަށް ނުހުޅުވާލާނެ ކަމަށް އެފްކޮންސްއިން ބުންޏެވެ.

މި މަޝްރޫއާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުހިންމު ވާހަކަފުޅުތަކެއް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބްރިޖުގެ އަމަލީ މަސައްކަތް އޮތީ ގާތްގަނޑަކަށް ސުމެއްގައެވެ.

ކުރީ ސަރުކާރުން ދިން ތާރީހުތަކަށް ބްރިޖުގެ މަސައްކަތް ނިމިފައި ނުވާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މުޅި މަޝްރޫއުން ނިމިފައި އޮތީ އެންމެ 27 ޕަސަންޓެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ މުއްދަތާ ހަމައަށް އައިއިރު މަޝްރޫއުގެ 77 ޕަސަންޓު މަސައްކަތް ނިމިފައި އޮންނަން ޖެހެއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދިން 400 މިލިއަން ޑޮލަރުގެ ލޯނު އެހީގައި ކުރިއަށް ގެންދާ މި ބޮޑު މަޝްރޫއު އެފްކޮންސްއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ. މި ބްރިޖުގެ އަމަލީ މަސައްކަތް 2022 ވަނަ އަހަރުގެ އޯގަސްޓު 2 ގައި ފައްޓަވައިދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއެވެ.