English Edition
Dhivehi Edition
އަހްމަދު ފާޒިލް / ފޮޓޯ: ފުލުހުން

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ވ. ކެޔޮދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ދޭލިޔާގެ، އަހުމަދު ފާޒިލް (31އ) އެވެ. ރާއްޖޭގެ މޮޅު ވޮލީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފާޒިލް ވަނީ ކުރިން ގައުމީ ޓީމަށް ވެސް ކުޅެފައެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ހިންގި މި އޮޕަރޭޝަންގައި، ކެޔޮދޫގައި އޭނާ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ގެއެއް ވަނީ ބަލައިފާސްކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި، އެ ދެ ގެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 265.01 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފާޒިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.