English Edition
Dhivehi Edition
ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ގެ ކަސްޓަމްސް ސަބްގްރޫޕް ބައްދަލުވުމުގެ ތެރެއިން

ކަސްޓަމްސް އަކީ މީގެ ކުރިން ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ބަލަހައްޓާ މުއައްސަސާއެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، މިއަދު އެތަނުގެ މަސްއޫލިއްޔަތު ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި ކުރިއަށްދާ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) ގެ ކަސްޓަމްސް ސަބްގްރޫޕް ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ކަސްޓަމްސްގެ އުސޫލުތަކާއި ބޯޑަރު ބެލެހެއްޓުމަށް ބޭނުންކުރާ ވަސީލަތްތައް މިހާރު ވަނީ ޒަމާނީ ކުރެވިފަ އެވެ. އަދި ސަރަހައްދީ ވިޔަފާރި ކުރިއެރުވުމަށްޓަކައި ޑިޖިޓަލް ނިޒާމުތަކަށް ކުރާ އިންވެސްޓްމަންޓްތައް ދުވަހުން ދުވަހަށް އިތުރުކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

“އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާމެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލްކުރާ މުއައްސަސާއެއްގެ ގޮތުގަ. ނަމަވެސް މިއަދު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ،” މިނިސްޓަރު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން މިނިސްޓަރު އިތުރަށް ވިދާޅުވީ، ޑިޖިޓަލައިޒްވުމަކީ ހަމައެކަނި ކަރުދާސް ފޯމުތަކެއް އިލެކްޓްރޯނިކް ކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މައިގަނޑު އަމާޒަކަށް ވާންޖެހޭނީ އުސޫލުތައް އަލުން ބައްޓަންކޮށް، ބޭނުންނެތް އިޖުރާއަތުތައް އުވާލައި، ސަރުކާރުގެ އެހެން އިދާރާތައް އެއް ނިޒާމަކުން ގުޅުވާލުން ކަމަށް ވިދާޅުވި އެވެ.

ބޯދާ އަދި ނާކާމިޔާބު އުސޫލުތަކެއްގެ ސަބަބުން މުދާ އެތެރެކުރުން ލަސްވާނަމަ، ޒަމާނީ ބަނދަރަކުން ލިބެންޖެހޭ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ނުލިބޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން، މުދާ އައުމުގެ ކުރިން އެ މުދަލެއްގެ މައުލޫމާތު ކަސްޓަމްސްއަށް ލިބޭނެ ގޮތް ހެދުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.

މި މަހުގެ 19 އިން 20 އަށް ކުރިއަށްދާ ސަސެކް ބައްދަލުވުމަކީ ގާނޫނީ ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމާއި ބޯޑަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް އަދި ސްރީލަންކާއިން ބައިވެރިވެ އެވެ.