އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދަން ނިންމި “ހިޔާ ހައުސިން ސްކީމް” ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކުރިއަށް ނުގެންދެވި ހުއްޓިފައި އޮތުމަށްފަހު، އެ މަޝްރޫއު އަލުން ފެށުމަށްޓަކައި ބިމެއް ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ۔
އެމްޓީސީސީން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި މަޝްރޫއަށް ބިމެއް ހަމަޖެއްސުމާ މެދު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު މި ހަފުތާގައި ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފައެވެ۔ މި ބައްދަލުވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔަރޑްއަހުމަދު ސައުދީ އާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހައިރުގެ އިތުރުން ދެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ۔
އެމްޓީސީސީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މަޝްރޫއު ނުފެށި އޮތުމަކީ މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ކުންފުނީގެ މެނޭޖްމަންޓުން ގަބޫލުކުރަނީ މިއީ މުވައްޒަފުންގެ ލާބައަށްޓަކައި ކޮންމެހެން ކޮށްދޭންޖެހޭ ކަމެއް ކަމަށެވެ۔ އެމްޑީ ސައުދީގެ އިސްނެންގެވުމަށް ރައީސް އޮފީހުގައި އެދުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމްޓީސީސީއަށް ބިމެއް ހަމަޖައްސައިދިނުމަށް އެދި އެޗްޑީސީއަށް ސިޓީއަކުން އަންގަވައިފައެވެ۔
އެމްޓީސީސީގެ މުވައްޒަފުންނަށް 14 ބުރީގެ ދެ ޓަވަރުގައި 400 ފްލެޓް އެޅުމަށް “ހިޔާ ސްކީމް” ތައާރަފްކުރީ 15 އޮގަސްޓް 2018 ގައެވެ۔ ނަމަވެސް، މަޝްރޫއު ހަވާލުކުރުމުގައި އެމްޓީސީސީއަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބަލަން ފެށިއެވެ۔އޭސީސީގެ ތަހުގީގުން ހާމަވި ގޮތުގައި، އިވެލުއޭޝަން ކްރައިޓީރިއާއާ ހިލާފަށް ބޭރު ކުންފުންޏަކަށް ޕޮއިންޓް ދީގެން ޕްރޮޖެކްޓް ހަވާލުކުރުމުގެ ސަބަބުން އެމްޓީސީސީއަށް 39.2 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެއެވެ۔
މި މައްސަލައިގައި އެމްޓީސީސީގެ ކުރީގެ ސީއީއޯ ހަސަން ޝާހު ހިމެނޭހެން 5 މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ۔
އެމްޓީސީސީން ބުނީ ބިން ހަމަޖެހުނުހާ އަވަހަކަށް މުވައްޒަފުންގެ ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަކީ ކުންފުނީގެ މެނޭޖްމަންޓުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ۔