English Edition
Dhivehi Edition
ޔަޒްމީދު/ ފޮޓޯ: ޕެންޝަން އޮފީސް

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯގެ މަގާމަށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރެއްވި ޔަޒްމީދު މުހައްމަދު އައްޔަންކުރައްވައިފިއެވެ.

ޕެންޝަން އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފަސް އަހަރުގެ ދައުރަކަށް އައްޔަންކުރެއްވި މި މަގާމުގެ މަސްއޫލިއްޔަތުތަކާ ޔަޒްމީދު އަންނަ އާދިއްތަ ދުވަހު ހަވާލުވެވަޑައިގަންނަވާނެއެވެ.

ޔަޒްމީދަކީ ދައުލަތާއި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކުގައި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަދާކުރެއްވި އިސް މަގާމުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަން އަދި އޮޑިޓް އޮފީހުގެ މެނޭޖަރުކަން ހިމެނެއެވެ.

މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ފަސްޓް-ކްލާސް އޮނާސް ޑިގްރީ ހާސިލުކުރައްވާފައިވާ ޔަޒްމީދަކީ އޭސީސީއޭ ފުރިހަމަކުރައްވާފައިވާ ޗާޓާޑް އެކައުންޓެންޓެކެވެ.

ޕެންޝަން އޮފީހުން ބުނީ، އާ ސީއީއޯއާ އެކު އެ އޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަވެ، ރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ޝުޖާތާ ހަލީމް މިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.