English Edition
Dhivehi Edition

އަލްޓްރާ ސައުންޑް ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ‘ޖީއީ ހެލްތްކެއާ’ ގެ ޕޯޓަބަލް އަލްޓްރާސައުންޑް ‘ވީ ސްކޭން’ މޮޑެލްތައް އެސްޓީއޯ ހެލްތްކެއާ އިން ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.

މި ޑިވައިސްތައް ރަސްމީކޮށް ތައާރަފްކޮށްދެއްވީ ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި މި އުފެއްދުން އިފްތިތާހް ކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހިމް އަދި ޖީއީ ހެލްތްކެއާގެ ދެކުނު އޭޝިއާ ސަރަހައްދުގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫ އެވެ.

ޖީބަށް ލެވޭ ވަރުގެ މި ކުދި ޒަމާނީ ސްކޭން މެޝިންތަކަކީ، ސްކޭންގެ ހިދުމަތް ހަމައެކަނި ކްލިނިކްތަކާއި ހޮސްޕިޓަލްތަކުގައި ދިނުމުގެ ބަދަލުގައި، ބަލިމީހާއާ ވީހާވެސް ގާތުން މި ހިދުމަތް ފޯރުކޮށްދިނުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ރަށްރަށުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް މިއީ މުހިންމު ފުރުސަތެއް ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.

މި މޮޑެލްތައް އެޕަލް އަދި އެންޑްރޮއިޑް ފޯނުތަކާއި ލެޕްޓޮޕްތަކަށް ފަސޭހަކަމާއެކު ގުޅާލެވޭއިރު، ސްކޭން ކުރެވޭ އިމޭޖްތައް ބައިނަލްއަގްވާމީ ‘ޑައިކޮމް’ ސްޓޭންޑަޑްގައި ހިއްސާކުރެވޭނެއެވެ.

މީގެއިތުރުން، މި މެޝިންތަކަށް ބޭނުންވާ ‘އާފްޓާ ސޭލްސް ސާވިސް’ ފޯރުކޮށްދިނުމަށްޓަކައި އެސްޓީއޯގެ ބަޔޯމެޑިކަލް ޓީމުން ވަނީ ޖީއީ ހެލްތްކެއާގެ އިކުއިޕްމަންޓްތަކަށް ހާއްސަ ސެޓިފައިޑް އިންޖިނިއަރުން ތަމްރީނުކޮށްފައެވެ.