English Edition
Dhivehi Edition
ރައީސް ނަޝީދު

ސަރުކާރު ކުންފުނިތަކުގައި (އެސްއޯއީ) މަސައްކަތް ކުރާ ရަށްރަށުގެ މުވައްޒަފުންނަށް ބިރުދައްކައިގެން، ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ގޮވާލައި ފެށި ޕެޓިޝަނުގައި ސޮއިކުރުވަމުންދާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ކެބިނެޓްގެ ނިންމުމަކުން ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިން އަތުލެވޭ ގޮތަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހައްނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ސޮއިކުރަމުންދާ ޕެޓިޝަނާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި އާންމު ރައްޔިތުންގެ ފަރާތުން މަޖިލީހަށް ހުށަހެޅި ޕެޓިޝަނާ ދެކޮޅަށް، ސަރުކާރަށް ތާއީދުކުރާ މީހުންގެ ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މިފަދަ ކަންކަމުގައި އޮފީސްތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ސޮއި ހަމަކުރުމަކީ އޭގެ ނޭދެވޭ އަސަރު އެންމެ ފަހުން ސަރުކާރަށް އަދާކުރާނެ ކަމެއް ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް ތާއީދު މިންވަރު ހުދު ސަރުކާރަށްވެސް އޮޅިގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތް ގޮތަށް ފާސްކުރަން ގޮވާލައި މަޖިލީހުގެ ވެބްސައިޓުގައި ފެށި ޕެޓިޝަނުގައި ސޮއިކުރި މީހުންގެ އަދަދު މިހާރު ވަނީ 7،800 އަށްވުރެ މައްޗަށް އަރައިފައެވެ.

މި އިސްލާހާ ގުޅޭގޮތުން އެމްޑީޕީން ބުނެފައިވަނީ، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގަން އުޅޭ މަޝްރޫއުތައް ހުއްޓެނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅަކީ ކައުންސިލް އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލުމަށް ދައްކަވާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. ސަރުކާރުގެ އެހީއާ ނުލައި ކައުންސިލްތަކުގެ އަމިއްލަ އާމްދަނީން ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު، ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކަކީ ރައްޔިތުންގެ ވިސްނުމާ އިދިކޮޅަށް ގެންނަ އިސްލާހުތަކަކަށް ވެގެން ނުވާނެ ކަމަށްވެސް އެމްޑީޕީން ގޮވާލާފައިވެއެވެ.